މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 530.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އޮތޯރިޓީގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ބަޔާނުން ދައްކާ ގޮތުން 530.8 މިލިއަން ރުފިޔާގެ ތެރެއިން 91 ޕަސެންޓަށްވާ 483 މިލިއަން ރުފިޔާ ލިބިފައި ވަނީ ޑޮލަރުންނެވެ. އެއީ 31.3 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރުގެ ނިޔަލަށް 3.4 ބިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވެ އެވެ. އެއީ 2010 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.7 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 87 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ލިބުނު އަމްދަނީ އޮގަސްޓް މަހު ލިބުނު 260.7 މިލިއަން ރުފިޔާ އަށް ވުރެ 64 ޕަސެންޓް ( 270.1 މިލިއަން ރުފިޔާ) ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު ބޭންކުގެ ވިޔަފާރީގެ ފައިދާ ދައުލަތަށް ލިބިފައެއް ނުވި ނަމަވެސް، ވިޔަފާރީގެ ފައިދާ (ބިޒް ނަސް ޕްރޮފިޓް) ޓެކްސްގެ ގޮތުގައި 6534ރ. މިދިޔަ މަހު ދައުލަތަށް ލިބުނެވެ.

މިދިޔަ މަހު ރުފިޔާ އިން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޑޮލަރުން ލިބުނު އާމްދަނީ ވަނީ ޖުލައި މަހަށް ވުރެ 16 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ސެޕްޓެމްބަރު މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ލިބުނު އެއްޗަކުންނެވެ. އެ ބައިން 196.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓޫރިޒަމްގެ ޓެކްސްގެ ގޮތުގައި 65.4 މިލިއަން ރުފިޔާ ލިބުނު އިރު ޓީޖީއެސްޓީގެ ގޮތުގައި 71.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންވެސް ސަރުކާރަށް 122.7 މިލިއަން ރުފިޔާ ލިބުނެވެ.