02 Feb 2019, 09:26
ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ނޫން ކޮންމެ ބަޔަކާއެކު ވެސް ކޯލިޝަން ހެދުމަށް ވާހަކަ ދެއްކޭނެ ކަމަށް އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ޕާޓީން މަޖިލިސް އިންތިހާބުގައި ރައީސް ޔާމީން އިސްތިސްނާ ނުވާނެހެން ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ވެސް ކޯލިޝަން ހެދުމަށް ތައްޔާރައް ހުންނެވި ކަމަށެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިންް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައިސް ޔާމީން ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމް އަކީ ތަފާތު ދެ ފިކުރެއް ކަމަށާއި އެމަނިކުފާނު ޕާޓީއެއްގެ ލީޑާޝީޕްގައި ހުރެގެން ކޯލީޝަން ހެދުމަށް އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ އެކު ކަމަށެވެ.
"އަޅުގަނޑު ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން، އަޅުގަނޑަށް ކޯލިޝަން ހެދުމަށް ވާހަކަ ދައްކަން އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ. މިއީ ތަފާތު ދެ ފިކުރު ދެއްތޯ. އެހެން ކޮންމެ ބަޔަކާ ވެސް އަޅުގަނޑުމެނާ ވާހަކަ ދެއްކޭނެ. ތިޔަ ފުރުސަތު އަޅުގަނޑުމެން ހޯދާނަން ވެސްމެ، އެ ފުރަސަތު އޮތް ކަމުގައި ވާނަމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އާނ. އެއީ އެއްވެސް މައްސަލައެއް ނޫން [ގާސިމްއާ އެކު ކޯލިޝަން ހެދުމަށް]. އަޅުގަނޑުމެންނަކީ ވެސް މަޝްވަރާއަށް ތައްޔާރަށް ތިބި ބަޔެއް،" ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވާފާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަބްދުލް ގަފޫރާ އެކު ވެސް ކޯލިޝަން ހައްދަވާފާނަންތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ، އެބޭފުޅުންނާ އެކު ވެސް ވާހަކަ ދައްކަން ހުރަހެއް ނެތް ކަމަށެވެ.
"އެހެންވީމާ ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން [އަހަރުންނަށް އިށީދެ ވާހަކަ ދެކެވޭނެ]،" ރައީސް މައުމޫން އަލަށް އުފައްދަވާ މޯލްޑިވްސް ރީފޯމް މޫވްމަންޓާ އެކު ކޯލީޝަން ހައްދަވާފާނަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ.