02 Feb 2019, 12:03
ގާނޫނާ ހިލާފަށް ހިނގާ ސަރުކާރެއް ޖަވާބުދާރީ ކުރެވޭނީ އިދިކޮޅު ޕަޓީތަކަށް އަޣުލަބިއްޔަތު އޮވެގެން ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނަށް މަޖިލީހުގައި ސުޕާ މެޖޯރިޓީ އޮތެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް މަޖިލިސް ތެރެއިން ކުރަން ފަސޭހަ ވެގެން ދިޔަ އެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީ އަކަށް އޮތުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އުސޫލުތަކާއި ގާނޫނާ ހިލާފަށް ކަންކަން ހިނގާ ނަމަ، ސަރުކާރު ޒިމާދާރު ކުރެވޭނީ އިދިކޮޅު ޕާޓީތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮވެގެން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އޮޕޮޒިޝަންގައި. އަޅުގަނޑުމެން އޮޕަޒިޝަންގައި ތިބެގެން ވެރިކަން ހިންގާ ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ އޮންނަ ނުޖެހޭ ސަބަބަކީ، އެއީ އެބޭފުޅުން ކުރައްވާ ގަވާއިދާ ހިލާފު ކަންކަމާއި އިންސާނީ ހައްގުތަކާ ހިލާފު ކަންކަން އަދި ގާނޫނާ ހިލާފު ކަންކަން ބެލެންސް ކުރެވޭނީ މަޖިލީހުގައި މެޖޯރިޓީ އޮޕަޒިޝަންގައި އޮވެގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ސަރުކާރު ހިންގަނީ އުސޫލުތަކާއި ގާނޫނާ އެއްގޮތަށް ކަމުގައިވާ ނަމަ ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ އޮތުން އޭގެ ޒާތުގައި މައްސަލައެއް ނޫން. ނަމަވެސް އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާ އިރު، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ، އޮޕަޒިޝަންގައި މެޖޯރިޓީ އޮވެގެން،" އިދިކޮޅު މައި ލީޑަރު ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ އަށް މެޖޯރިޓީ ކޮންމެހެން ވެސް އޮންނަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެ ސަރުކާރެއް ވެއްޓިގެންދާ ކަމަށެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އެއް ޕާޓީއަކަށް އޮތުމާ މެދު ރައީސް ޔާމީން ދެގޮތަށް ވެސް ވާހަކަ ދެއްކެވި އިރު، މިހާރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީ ޕްރައިމަރީ ކެމްޕެއިން ތެރޭ ތަކުރާރުކޮށް ވިދާޅުވަމުން އައީ، އެމްޑީޕީ އަށް އަޣުލަބިއްޔަތު އޮންނަ މަޖިލީހެއް މިފަހަރު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަތަކަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތާއީދެއް ނުކުރައްވަ އެެވެ. ގާސިމް ވިދާޅުވަނީ، މަޖިލީހުގައި އެއް ޕާޓީ އަކަށް އަޣުލަބިއްޔަތު އޮވެގެން ނުވާނެ ކަމަށެވެ.
މި މަހު 21ގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ އެޕްރީލް ހަ ވަނަ ދުވަހު އެވެ.