02 Feb 2019, 12:11
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް އާއި ކޮންގެސް ކޯލީޝަން އިން ޓިކެޓް ދިނުމުން އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ނޭދޭ ކަމަށް އިދިކޮޅު މާއި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި އަލަށް އުފެއްދެވި ޕީޕީއެމް އާއި ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ވަނީ ސިޔާސީ މަސައްކަތް ކުރުމަށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ ދެ ޕާޓީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދާ ކުރުމަށް ރޭ އެ ކޯލީޝަން އިން ވާނީ އިތުރު 10 ބޭފުޅަކަށް ޓިކެޓް ދީފަ އެވެ. ޖުމްލަ މިހާތަނަށް "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަން އިން ވަނީ 63 ދާއިރާ އަކަށް ވާދަކުރުމަށް ޓިކެޓް ދީފަ އެވެ.
ދެ ޕާޓީގެ ކޯލީޝަން އެއްބަސްވުމުގައި ސޮއި ކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، އެ ކޯލީޝަންގެ ފަރާތުން ކެންޑިޑޭޓަކަށް ޓިކެޓް ދީފައި އޮއްވައި އެ މަނިކުފާނަށް ތާއީދު ކުރައްވާ ފަރާތަކުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އެކަން ވާކަށް ނޭދޭ ކަމަށެވެ.
"އަޅުގަނޑުމެން ކެންޑިޑޭޓެއް ދެއްކީމާ، އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ފިކުރުގެ ކެންޑިޑޭޓެއް މިނިވަނެއްގެ ގޮޮތުގައި ނިކުންނަން. އަދި އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންނާ ގުޅުން ހުރި ޕާޓީއެއްގެ ނަމުގައި ވެސް އެތަނުން ކެންޑިޑޭޓެއް ނުކުމެވަޑައިގެން އަޅުގަނޑުމެންގެ ކެންޑިޑޭޓާ ވާދަ ކުރުމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ނޭދޭ ކަމަށް ވިދާޅުވި، -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ "ފިކުރާ"އެކު މަސައްކަތް ކުރެއްވުމަށް ފަހު "ޕްރިގްރެސިވް ކޮންގްރެސް" ކޯލިޝަންގެ ޓިކެޓް ނުލިބުމުން އެމަނިކުފާނުގެ ފިކުރުގައި ހުންނެވި ކަމަށް ބުނެ އެ ފަރާތަތަކުން އަމިއްލަ ގޮތުން ބައެއް ބޭފުޅުން އިންތިހާބުގައި ވާދަ ކުރާ ކަމަށާއި "ދާއިރާގެ ޓިކެޓް ނުލިބުމުން މިނިވަން [ކެންޑިޑޭޓެއްގެ] ގޮތުގައި ނިކުމެ މައްސަކަތް ކުރެއްވުމަކީ އެހާ ރަނގަޅުކަމެއް ނޫން،" ކަަމަށެވެ.
"އެއީ އެއް ފިކުރެއްގައި ތިބެވެނީކީ ނޫން. އެއް ފިކުރެއްގައި ތިބެވޭ ނަމަ ފިކުރު އިސްކުރަން ޖެހޭނީ މީހާއަށް ވުރެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެ ޕާޓީގެ ކޯލީޝަން އިން ޓިކެޓް ނުދޭ ފަރާތްތަކުން އެޕާޓީގެ ކުލަ އާއި ލޯގޯ ބޭނުން ކުރަމުންދާ ކަމަށާއި އެއީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއާ ގުޅުންހުރި ބަޔެއް ނޫން ކަމަށެވެ.
ރައީސް ޔާމީންއަށް ތާއީދު ކުރާ ބޭފުޅުން، އެފަދަ ފަރާތްތަކަށް ތާއީދު ނުކުރުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވި އެވެ.
"އެ ދާއިރާތަކުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ ބޭފުޅުން، ކޮންމެވެސް ވަރަކަށް އެބޭފުޅުންނަށް [ޓިކެޓް ނުލިބޭ މީހުން] ތާއީދު ކުރާ ވާހަކަ އެބަ އަޑު އިވޭ. މިއީ ހިތާމާ ހުރި ކަމެއް. އެއީ އެދާއިރާތަކަށް އަޅުގަނޑުމެންގެ ފިކުރުގެ މީހުން މިހާރު މި ދައްކަނީ. މި ދާއިރާތަކުން އަޅުގަނޑުމެން ފިކުރާ ތަފާތު ފިކުރު މީހުން އައުމުން. އަޅުގަނޑުމެންގެ [ޕާޓީގެ] އާންމު މެމްބަރުން ވޯޓު ދެއްވުމަކީ އަޅުގަނޑު އެދޭގޮތެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި އިންތިހާބުތަކަކީ އެއް ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭ ދަނޑިވަޅެއް ކަމަށާއި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ނުދޭ ނަމަ ރާއްޖެ އަދި ސިޔާސީ މައިދާން ވެސް އަމާންތަކަށް ނުވާނެ ކަމަށެވެ.
"މަވަތިވުން ދޫކޮށްލާފައި، ނުވަތަ އައިލާއަށް ކަމެއް ކޮށްދިނުން ދޫކޮށްލާފައި، ގައުމީ [އަދި] ޕާޓީ ފިކުރެއްގައި. ޕާޓީގެ މެމްބަރުން މަސައްކަތް ކުރައްވަން ޖެހޭ ކަން،" ޕީޕީއެމްގެ އާންމު މެމްބަރުނަށް ހަދުމަފުޅުކޮށް އަރުވަމުން އެޕާޓީގެ ރައީސް، ޔާމީން ވިދާޅުވި އެވެ.