08 Oct 2011, 16:52
ވިޔަފާރި އުސޫލުން މާލޭ ރޯމަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ބީލަމަށް ލުމުން ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މަސްވެރިންގެ މަޝްވަރާ ހޯދުމަށް މަސްވެރިންގެ ޖަމްއިއްޔާތަކާ ބައްދަލުކުރުމުން މަސް މާރުކޭޓް ވިޔަފާރި އުސޫލުން ދޫކޮށްލުމަށް މަސްވެރިން ދެކޮޅު ހަދައިފި އެވެ.
މާލޭ ސިޓީ ހޯލްގައި ނޫސްވެރިންގެ ހާޒިރުގައި މަސްވެރިންނާ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ މާރުކޭޓުން ކުނިވެފައިވާ މަހާއި ގިނަ ދުވަސްވީ މަސް ވިއްކަމުން ދިއުމުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި އަދި ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ބިރު އޮތް ކަމަށް ބުނެ އެކަން ހައްލުކުރުމަށް ޑަބްލިއުއެޗްއޯ އިން ސިޓީ ކައުންސިލަށް އަންގާފައިވާތީ، މާރުކޭޓްގައި ވިއްކާ މަހުގެ ކޮލިޓީ ރަނގަޅުކޮށް ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ފެތޭ ގޮތަށް ހެދުމަށް މާލޭސިޓީ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.
ނަމަވެސް އެކަން ކުރަން ނިންމާފައި ވަނީ މަސްވެރިންގެ މަޝްވަރާ ހޯއްދެވުމަށް ފަހު ކަމަށް ވާތީ މިއަދު މަސްވެރިންނާ ބައްދަލުކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްމާރުކޭޓް ކުއްޔަށް ދޭނީތޯ ނުވަތަ މަސްމާރުކޭޓު ހިންގުން މަސްވެރިންގެ ޔޫނިއަނާ ހަވާލުކުރާނީތޯ މަސްވެރިންނާ ސުވާލުކުރުމުން މަސްވެރިން ބުނީ މަސްމާރުކޭޓް ހިންގުމަކީ މަސްވެރިންގެ ޔޫނިއަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަސްމާރުކޭޓް ކުއްޔަށް ދީފި ނަމަ އެތަނުން ގޮޅިތައް ކުއްޔަށް ހިފައިގެން މަސްވިއްކާނެހާ ތަނަވަސްކަމެއް މަސްވެރިންގެ ކިބަޔަކު ނެތް ކަމަށް ވެސް މަސްވެރިން ބުންޏެވެ.
"މަސްވެރިންގެ ހައްގުގައި ދިވެހި ސަރުކާރުން ނުވަތަ މާލޭ ސިޓީ ކައުންސިލުން މަސްމާރުކޭޓް ރަނގަޅު ފެންވަރަކަށް ހެދުން އެއީ އަޅުގަނޑުމެން މަސްވެރިން ބޭނުންވާ ގޮތަކީ. މަސްވެރިންގެ ކިބަޔަކު ނެތް މަސްމާރުކޭޓް ޕްރައިވެޓައިޒް ކުރީމާ އެތަނުން ގޮޅިތައް ކުއްޔަށް ހިފައިގެން މަސްވިއްކާނެހާ ފެންވަރެއް،" މަސްވެރިން ބުންޏެވެ.
މަސްވެރިންނާ ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލް މެންބަރު އިބުރާހިމް ސުޖާއު ވިދާޅުވީ މަސްމާރުކޭޓް ތަރައްގީ ވެގެން އަންނައިރު މާރުކޭޓުން ފައިސާ ނަގާ އުސޫލެއް އޮތުމުން އެކަމާ މަސްވެރިން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ މަސްވެރިންނަށް ކަމަށާއި މަސްމާރުކޭޓު ތަރައްގީ ކުރައްވާނީ މަސްވެރިން އެދޭ ގޮތަށް ކަމަށެވެ.