އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ އިތުރު ބަޔަކަށް ޓިކެޓް ދީފި އެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް މިރޭ ވަނީ ކޯލިޝަން ހަދާފައެވެ. އަދި މަޖިލިސް އިންތިހާބުގައި ދެ ޕާޓީން ގުޅިގެން ދެޕާޓީން ތަފާތު ދާއިރާ ތަކަށް ކެންޑިޑޭޓުން ނެރުމަށް ވަނީ ހަމަ ޖެހިފައެވެ.

މަޖިލީސް އިންތިހާބުގައި "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން މިރޭ ޓިކެޓް ދިން ބޭފުޅުން:

  1. ހީނާ ވަލީދު - ދިއްގަރު ދާއިރާ

  2. މުހައްމަދު ސައީދު - މާވަށު ދާއިރާ
  3. އަބްދުލް މަތީން މުހައްމަދު - އުނގޫފާރު ދާއިރާ
  4. އާދަމް ޝަރީފު އުމަރު - މަޑުއްވަރީ ދާއިރާ
  5. އަހްމަދު ހަމްދާން ނާސިރު - ހޮޅުދޫ ދާއިރާ
  6. އިދްރީސް އަބްދުﷲ - ހަނިމާދޫ ދާއިރާ
  7. އާދަމް ތައުފީގު - ކުރެންދޫ ދާއިރާ
  8. އަހްމަދު ރިޒާ - ކެންދޫ ދާއިރާ
  9. ފާރޫގު މުހައްމަދު - ކުޅުދޫފުށި އުތުރު ދާއިރާ
  10. ހުސްނީ މުބާރިކް - މަނަދޫ ދާއިރާ

މިރޭ އެ ކޯލިޝަން އިން ޓިކެޓް ދިން މި 10 ބޭފުޅުންނާއެކު ޖުމްލަ 63 ދާއިރާ އަކަށް މިހާތަނަށް އެ ކޯލިޝަނުން ވަނީ ޓިކެޓް ދީފައެވެ.

މިރޭ ޓިކެޓް ދިން 10 ބޭފުޅުންގެ ނަންތައް އިއުލާން ކުރެއްވުމަށް ފަހު، ކޮންގްރެސް ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިއުލާން ނުކޮށް ބާކީ ހުރި ބައެއް ދާއިރާތަކުގައި ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

އަދި ޕްރައިމަރީ ބޭއްވުމަށް ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ހިމެނޭ ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށާއި ޕްރައިމަރީ ބާއްވާ ދައިރާތަކާއި އެ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވާ ފަރާތްތައް މާދަމާ އިއުލާން ކުރައްވާނެ ކަމަށެވެ.

"ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަން އިން މިހާތަނަށް 63 ދާއިރާއަށް ނިކުންނަ ކެންޑިޑޭޓުން އިއުލާން ކުރައްވާފައިވާ އިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ އެޕާޓީގެ ފަރާތުން 86 ދާއިރާ އަކަށް ނިކުންނަ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިހާތަނަށް 36 ދާއިރާއަކަށް ނިކުންނަ ކެންޑިޑޭޓުން ވަނީ އިއުލާން ކުރައްވާފައެވެ.

ސަރުކާރު ހިމެނޭ ކޯލިޝަންގައި ހިމެނޭ އަދާލަތުން 13 ދާއިރާ އަކަށް ވާދަކުރުމަށް ނިންމާފައިވާ އިރު، ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލުމަށް 106 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.