01 Feb 2019, 21:18
އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ކޯލިޝަން އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.
ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ކޮންގްރެސް ޕާޓީގެ ފަރާތުން އެޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ އެކަމަށް ޓަކައި ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އިދިކޮޅު މައި ލީޑަރު ރައީސް ޔާމީން ވިދާޅުވީ، ކޮންގްރެސް ޕާޓީ އުފެދިގެން އައީ ވެސް ޕީޕީއެމްއާއެކު ގުޅިގެން މަސައްކަތް ކުރަން ކަމަށާއި މިއަދު އެކަން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ރާއްޖޭގައި ސިޔާސީ ދެ ޕާޓީއެއްގެ މެދުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ސޮއި ކުރެވޭނެ އެންމެ ބޮޑު އެއްބަސްވުން ކަމަށެވެ.
"މި ދެ ޕާޓީން ވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލުތަކެއް ދަމަހައްޓަން. ގައުމިއްޔަތާއި ދީން އަދި ރައްޔިތުންނަށް މުހިންމުވާ ކަންތައްތައް ދަމަހައްޓަން. ދެޕާޓީގެ ފިކުރަކީ ވެސް ތަރައްގީގެ ފިކުރު. އަދި ގައުމިއްޔަތުގެ މުހިންމު ބާހާތައް ރައްކާތެރިކުރުމަށް މަސައްކަތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، "ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އަކީ އެއް މަސައްކަތެއް ކުރާ އެއް މަގުސަދެއްގައި، އެއް މިސްރާބަކަށް ދަތުރު ކުރާ، އެއް އޮޑިވެރިން ގޮވައިގެން، އެއް ފަޅުވެރިންތަކެއް ގޮވައިގެން ދަތުރު ކުރާ ނަވެއް" ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއަކީ ދެ ނަމެއްގައި މަސައްކަތް ކުރާ ދެ ޕާޓީކަމުގައި ވީނަމަވެސް ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އަކީ ސިޔާސީ ގޮތުން "އެއް ޕްލެޓް ފޯމް"އެއްގައި މަސައްކަތްކުރާނެ ދެ ޕާޓީ ކަމަށެވެ.
"އަބަދުވެސް އަޅުގަނޑުމެންގެ ފިކުރަކީ އެއް ފިކުރެއް. ރައީސް ޔާމީންގެ ސިޔާސަތު ދެމެހެއްޓުން މި ދެ ޕާޓީގެ ވެސް މައިގަނޑު މަގްސަދަކީ،" ޕީޕީއެމްގެ ނައިބު ރައީސް ކަންވެސް ކޮށްފައިވާ ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕީޕީއެމް އާއި ކޮންގްރެސްގެ "ޕޮރިގްރެސިވް ކޮންގްރެސް"ގެ ފަރާތުން އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އިތުރު 10 ބޭފުޅުންނަށް މިއަދު ވަނީ ޓިކެޓް ދީފައެވެ. މުޅި ޖުމްލަ މިހާތަނަށް އެކޯލިޝަން އިން 63 ބޭފުޅަކަށް ވަނީ ޓިކެޓް ދީފައެވެ. ބާކީ ހުރި ބައެއް ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމަށް މާދަމާ އިއުލާން ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.