01 Feb 2019, 19:45
މަގުމަތީގައި ކާރާ ސައިކަލު ފަދަ ތަކެތި ބާރަށް ދުއްވުމަކީ "ކޫލް ކަމެއް ނޫން" ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
'މީތި ސަޅި' ނަމުގައި މަގުމަތީގެ ރައްކާތެރި ކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އިސް ނަގައިގެން ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ބާރަށް ދުއްވުމަކީ "ކޫލް ކަމެއް ނޫން" ކަމަށެވެ. އަދި ގަވައިދުގެ ތެރެއިން އަމަލުކޮށް ފުރާނަ ސަލާމަތް ކުރުމަކީ ވަރަށްވެސް ސަޅިކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށް 'މީތި ސަޅި' ނަމުގައި ބޭއްވި އިވެންޓްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަމާ ގުޅިގެން ހަދާފައި ހުރި ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުގައި އަދަބުތައް ކަނޑައަޅާފައިވާއިރު އެކަންކަން ތަންފީޒު ކުރާނީ ކިހިނެތްތޯ ގާނޫނު ހައްދަވާ ބޭފުޅުން ވިސްނަވަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި މަޖިލީހުގެ މެމްބަރުންގެ ކިބައިން ނަހުލާ އެދިލެއްވީ މަގުމަތީގެ ރައްކާތެރި ކަމަށް ހަދާފައި ހުރި ގާނޫނުތަކާއި ގަވައިދުތައް ބަދަލު ގެނައުމަށް އެހީތެރިވެދިނުމަށެވެ.
" އަޅުގަނޑު ތިބޭފުޅުންގެ އަރިހުން އެދެން ބޭނުންވަނީ މަގުމަތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ގާނޫނާއި ގަވައިދު ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ތިޔަބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުމޭ. މިކަމުގައި އެހީތެރިވެދެއްވާށޭ." ނަހުލާ ވިދާޅުވި އެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށް 'މީތި ސަޅި' ނަމުގައި ބޭއްވި އިވެންޓްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދާދި ފަހުން ނިޔާވި 17 އަހަރުގެ ކުއްޖާގެ ހަނދާން އާކުރަމުން ނަހުލާ ވިދާޅުވީ އެ ހާދިސާ ހިނގި އިރު ފޯނުތައް ނަގައިގެން ފޮޓޯ ނަގަން ތިބި މީހުން ފެނުމުން ހިތާމަ ކުރި ކަމަށެވެ. އަދި ކޮންމެ މީހަކީވެސް އެގޮތަށް އަމަލު ކުރުމުގެ ބަދަލުގައި އެހީތެރިވާ އިންސާނިއްޔަތުކަން ހުންނަ މީހަކަށް ވާން ޖެހޭ ކަމަށް ނަހުލާ ވިދާޅުވި އެވެ.
އަދި ސިމެންސި ކޮތަޅެއް ވެއްޓި ލިބުނު އަނިޔާގައި މަރުވި ބަންގްލަދޭޝްގެ ރައުޝަން ޖިއާންގެ ހަނދާން އާކުރަމުން ނަހުލާ ވިދާޅުވީ އެފަދަ ހާދިސާތައް ހިނގުމުން ފުރަތަމަ އަމަލު ކުރަންވީ ގޮތް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށް 'މީތި ސަޅި' ނަމުގައި ބޭއްވި އިވެންޓްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުމަށް ނަހުލާ އެދިވަޑައިގަތެވެ.
މަގުމަތީގެ ރައްކާތެރި ކަމަށް މީހުން ހޭލުންތެރި ކުރުވަން މިއަދު ހިނގި މީތި ސަޅި އިވެންޓުގައި ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.