ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ "އަނިޔާވެރި" ސަރުކާރުގެ މައިބަދަ ބިނދިގެން ދިޔައީ، މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އޭރު ޖަލު ބަންދުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ތިން ލީޑަރުންވެސް ހިމެނޭ ގޮތަށް އިތުރު ސިޔާސީ ފަރާތްތައް މިނިވަންކުރަން ރާއްޖޭގެ އެންމެ މަތީ ކޯޓުން އަމުރު ނެރުނުތާ މިއަދަށް އެއް އަހަރު ފުރިގެން ދިޔައީ އެވެ.

އެެދުވަހަށް އެއްއަހަރު ފުރުމުގެ މުނާސަބަތާ ގުޅުވާއިގެން ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭ ހިމެނޭ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ނިންމުނަކީ ވަރުގަދަ ނިންމުމެއް ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ އަލުން އިއާދަކުރުމަށް ނެރެވުނު އަމުރެއް ކަމަށެވެ.

"ތާރީހީ އެ އަމުރަކީ ޚުދުމުޚްތާރު އަނިޔާވެެރި ސަރުކާރެއްގެ މައިބަދަ ބިދުން" ރައީސް ޔާމީންގެ އެއްބަފާ ބޭބެ، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓް ގައި ލިޔުއްވި އެވެ.

ސުޕްރީމް ކޯޓުން މީގެ އެއް އަހަރު ކުރިން ނެރުނު އަމުރުގައި ވަނީ، އޭރުގެ ބަންދުގައި ތިބި ސިޔާސީ ލީޑަރުންގެ މައްސަލަތައް އަލުން ތަހުގީގު ކުރުމަށްޓަކައި އެފަރާތްތައް ވަގުތުން މިނިވަން ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ނިންމި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އަދި އޭގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ވެއެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ އެ އަމުރު ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ރައީސް މައުމޫން ވެސް ހައްޔަރުކޮށްފައެވެ. އަދި ސިޔާސީ ނުވަ ހައްޔަރީން ދޫކޮށްލުމަށް އަމުރުގައި ހިމެނޭ ބަޔާއި ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެފައިވާ ބައިވެސް ސުޕްރީމް ކޯޓްގައި ބާކީ ތިބި ތިން ފަނޑިޔާރުން މެދުވެރި ކުރައްވައި ބާތިލްކޮށްފަ އެވެ.

އެ އަމުރުގައި މިނިވަންކުރުމަށް އަމުރު ކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރު ޖަލު ބަންދުގައި ހުރީ ކޮރަޕްޝަނާއި ޓެރެރިޒަމްގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރެވެ. ރިޔަސީ އިންތިޚާބަށް ފަހު ރައީސް ޔާމީނަށް ލިބުނު ބޮޑު ނާކާމިޔާބާ އެކު އެހެން ހުރިހާ ހައްޔަރީން މިނިވަން ވެގެން ދިޔައެވެ.