ބްރެޒިލްގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން ސައުތު އެމެރިކާ ސަރަހައްދުގެ ފުރަތަމަ މެޗުތައް ކުރިއަށް ދިޔައިރު، ހިގައިންގެ ހެޓްރިކަކާއި ކެޕްޓަން ލިއޮނަލް މެސީގެ ލަނޑަކުން ފަސޭހަކަމާއެކު އާޖެންޓީނާ އިން ޗިލީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޗިލީ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ ގޮންޒާލާ ހިގައިން އެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ހިގުއައިން ކާމިޔާބު ކުރި މިލަނޑަށް ފަހު ފަންސަވީސް ވަނަ މިނެޓުގައި އާޖެންޓީނާ ކެޕްޓަން މެސީ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ސާޖިއޯ އަގުއެރޯ އަށް ލިބުނު އަނިޔާއާއި ގުޅިގެން އާޖެންޓީނާގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނު ހިގައިން މިމެޗުގައި ހިފެން އޮތް ހުރިހާ ފައިދާއެއް ލިބިގަތެވެ. މެޗުގެ 51 ވަނަ މިނެޓުގައި ހިގައިން ވަނީ އޭނާގެ ދެވަނަ ލަނޑު އަދި އާޖެންޓީނާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ އަށް މިނެޓު ފަހުން ޗިލީއަށް ސުން ކަނޑުވާލަދިނީ މަޓިއަސް ފެނާންޑޭޒް އެވެ. މެޗުގެ 62 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހިގައިން އޭނާގެ ހެޓްރިކް ފުރިހަމަކޮށް އާޖެންޓީނާ އަށް އަލުން ލީޑު އިތުރަށް ފުޅާ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 4-1 ލަނޑުން އާޖެންޓީނާއަށް ކާމިޔާބީ ލިބިގެންނެވެ.
ބޮލީވިއާ އަތުން އުރުގުއޭ މޮޅުވީ 4-2 ލަނޑުންނެވެ. އަށް ރީނދޫ ކާޑު ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ އުރުގުއޭ އަށް ލީޑު ހޯދައިދިނީ ލުއިސް ސުއަރޭޒް އެވެ. ތިން ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބު ކޮށްދިންތާ ސާދަ މިނެޓު ފަހުން ރޫޑީ ކާޑޯޒޯ ވަނީ ބޮލީވިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޑިފެންޑަރު ޑިއެގޯ ލުގާނޯ އުރުގުއޭ އަށް އަލުން ލީޑު ހޯދައިދިނެވެ. އޭގެ ނުވަ މިނެޓު ފަހުން އެޑިންސަން ކަވާނީ އުރުގުއޭ އަށް ޖަހައިދިން ލަނޑާއެކު އެޓީމަށް ދެލަނޑުގެ ލީޑެއް ލިބުނެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ލުގާނޯ ވަނީ އިތުރު ލަނޑެއް އުރުގުއޭ އަށް ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ބޮލީވިއާގެ އަލްސިޑޭސް ޕެނާ ޖިމެނޭޒް އަށް އުރުގުއޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ހޯސޭ މާޓީން ކަސެރޭސް ކުރި ފައުލް އާއި ގުޅިގެން ބޮލީވިއާ އަށް ޕެނަލްޓީ އެއް ލިބުނެވެ. މި ޕެނަލްޓީ އުރުގުއޭގެ ގޯލުގެ ތެރެއަށް ވައްދާލީ ބޮލީވިއާގެ މާސެލޯ މޮރޭނޯ އެވެ. މިމެޗު ނިމިގެންދިޔައީ 4-2 ލަނޑުން އުރުގުއޭ ކުރީގައި އޮވެގެންނެވެ.

ހޯސޭ ޕައޮލޯ ގުރޭރޯ ޕެރޫ އަށް ކާމިޔާބު ކޮށްދިން ދެލަނޑާއެކު ޕެރަގުއޭ މައްޗަށް ކުރި ހޯދިއިރު، ވެނެޒުއޭލާ އަތުން އިކުއެޑޯ ވެސް މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގައި ޖެހި ފުރަތަމަ ލަނޑު ސާދަ ވަނަ މިނެޓުގައި ޖޭއިމް އަޔޮވީ ކޮރޯޒޯ ލީޑު ހޯދައިދިންއިރު، ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ބެނިޓޭޒް އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ވެނެޒުއޭލާގެ ޑިފެންޑަރު ހޯސޭ މުނުއެލް ރޭ އަށް ދެ ރީނދޫ ކާޑު ދެއްކުމުން ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލެވިފައި ވެ އެވެ.

ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ބްރެޒިލް ނުހިމެނެނީ، އެގައުމުގައި މިމުބާރާތް ބާއްވާތީ އޮޓޮމެޓިކުން ޖާގައެއް ލިބިފައިވުމުންނެވެ. އެހެންކަމުން މިގްރޫޕުގެ އެއްވެސް ޓިމަކަށް ބްރެޒިލްގެ ބިރުވެރިކަމެއް ނެތެވެ.