މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާ އެކު ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިލްމު "ކަނޑު އިބިލީސް" އިއްޔެ ޕްރިމިއާކޮށްފި އެވެ.

ބިދަބިން ބޮޑުބެރު ގްރޫޕްގެ ހާއްސަ ހުށައެޅުމަކާއި ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ރީތި ހުށައެޅުމެއް ފެނިގެންދިޔަ އެވެ. ފިލްމު ޕްރިމިއާކޮށް ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

ފިލްމު ބަލާލުމަށް ފަހު ނުކުތް ކުޑަކުދިންނާ "ސަން" އިން ސުވާލުކޮށްލުމުން ބުނީ ފިލްމު މަޖާ ކަމަށާއި ރީތި ކަމަށެވެ.

"ވަރަށް މަޖާވި ތަންކޮޅުކޮޅު އާދޭ. ބިރުގަތް ތަންކޮޅެއް ވެސް އައި،" ފިލްމު ބަލާފައި ނުކުތް ކުއްޖެއް ބުންޏެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެކުދިންގެ އާއިލާ އާ އެކު ފިލްމު ބެލުމަށް އޮލިމްޕަހަށް ވަދެފަ އެވެ.

"ކަނޑު އިބިލީސް" އަކީ ރާއްޖޭގައި ކުޑަކުދިންގެ ފިލްމެއް އެހާ ކުލަގަދަކޮށް ޕްރިމިއާކުރި ހަމައެކަނި ފިލްމެވެ.

"ކަނޑު އިބިލީސް" ގެ މަންޒަރެއް....

ފިލްމު ދެއްކުން މިވަގުތު ހުއްޓާލި ނަމަވެސް ޕްރޮޑިއުސަރު ޒިޔާ ބުނީ ފިލްމު އަދި ފަހުގެ ތާރީހެއްގައި އަޅުވާނެ ކަމަށެވެ.

އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރީ ކުޅުދުއްފުށީގަ އެވެ.

ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.

"ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.

އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައި ވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާ އެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.