01 Feb 2019, 14:56
ކަސްޓަމްސްގެ ހިދުމަތްތަކަށް ސިޓީ އާއި ފޯނު އެދުމުގެ ބަދަލުގައި ހިދުމަތަށް އެދި ހުށަހަޅާނެ ފޯމެއް ތައްޔާރުކުރުމަށް މަޝްވަރާކޮށްފި އެެވެ.
އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކަސްޓަމްސް ބްރޯކަރުންނާއި ޝިޕިން އެޖެންޓުން އަދި އެކި ދާއިރާތަކުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކުން ބައިވެރިވި އެވެ.
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދު ނުއުމާން ވިދާޅުވީ ކަސްޓަމްސްގެ ހިދުމަތް ހޯދުމަށް ހުސްވި އަހަރުވެސް 4739 ސިޓީ ހުށަހަޅާފައިވާ ކަމަށާއި، ހިދުމަތް ހޯދުމަށް ތައާރަފު ކުރަން ނިންމާފައިވާ ފޯމާއެކު ކަސްޓަމްސްގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ ހިދުމަތް ލިބިގަތުމުގައި ވެސް ވަގުތު އަވަސް ވާނެ ކަމަށެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ލުއިފަސޭހަކޮށް ވަކި ހިދުމަތްތަކަށް ބޭނުންވާ ކަންކަން އެއްފަހަރުން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިއީ ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުންނަށް ދޭ ހިދުމަތްތައް ލުއިފަސޭހަ ކުރުމަށް މި އަހަރުގެ ތިން މަސް ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތުގެ ބައެއްކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.