ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވުމަށް ފަސް އަހަރުގެ މުއްދަތަކީ ދިގު މުއްދަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރަކީ ވެސް އެމަނިކުފާނަށް ދިގު މުއްދަތެއް ކަމަށެވެ.

"އަޅުގަނޑަށް ފަސް އަހަރު ދިގު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ދިގު، ފަސް އަހަރު. އެއަށް ވުރެ އަވަހަށް ރައްޔިތުންގެ ކައިރިއަށް ދާންޖެހޭނެހެން އަޅުގަނޑަށް ހީވަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނާ މެދު ރޭގެ ހޮޅުއަށީގައި ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމަވާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރަށް އޮންނާތީ އެ މުއްދަތު ކުރުކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު، ދައުރުގެ ވާހަކަ. ދެ އަހަރުގެ ބަދަލު، ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރާ ވާހަކަ. ދެން އަޅުގަނޑު ހަމަ ހިތަށް އަރާ އެއްޗެއް އިނގޭތޯ. އިންތިޚާބުކުރާ މީހުން އަވަސް އަވަހަށް ރައްޔިތުންގެ ކައިރިއަށް ދިޔުން ނޫންތޯއޭ ރަނގަޅީ، ގިނަދުވަހު ތިބުމަށް ވުރެ. ދެންމެ މާޅޮހުގެ ކައުންސިލްގެ ރައީސް ވިދާޅުވި، ތިން ފަހަރު ހޮވިއްޖައީމޭ. ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ވަންޏާ، އަޅުގަނޑު ހިތުން ރައްޔިތުން ހޮވާނެ،"

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލި އިރު ދައުރުގެ ދިގުމިނާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ގާނޫނު އަސާސީ ލިޔުނުއިރުގައި ވެސް އެ މަޝްވަރާ ކުރެވުނު. އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ތަންތަނުން ހޯދުނުއިރުގައި، ކައުންސިލްތައް ނުވަތަ ސިޓީތަކުގެ ކައުންސިލްތައް އިންތިޚާބުކޮށްފައި މި ހުންނަނީ ހަމަ އެހާ ކުރުކޮށް. އެއީ ރައްޔިތުންނާ ކައިރިން ޚިދުމަތްދޭ ބަޔަކަށް ވާތީ، އަބަދު ވެސް ރައްޔިތުން ކައިރިއަށް ދާން." ރައީސް ވިދާޅުވި އެވެ.

މިހާރު ގާނޫނު އަސާސީ ބުނާ ގޮތުން ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރަކީ ފަސް އަހަރެވެ. މަޖިލީހުގެ މެންބަރެއްގެ ދައުރަކީ ވެސް ފަސް އަހަރެވެ. ކައުންސިލްތަކުގެ ދައުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތިން އަހަރެވެ.