ސިނަމާލެ ބުރިޖު ހުޅުވިފަހުން އެވުރެޖުކޮށް ދުވާލަކު 10،000 މީހުން އެތަނުން ހުރަސްކުރާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ.

ޗައިނާ އެމްބަސީ އިން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ބުރިޖު ހުޅުވި ފަހުން ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 10،000 މީހުން އެތަން ހުރަސްކުރާ ކަމަށެވެ. އަދި ބުނީ ކުރިން ވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން ބުރިޖުގެ އޮޕަރޭޝަންތަކާއި މެއިންޓެނެންސްގެ މަސައްކަތްތައް ދެ އަހަރު ދުވަސްވަންދެން ޗައިނާގެ ކުންފުނިން ބަލަހައްޓާނެ ކަަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ މީހުން ބުރިޖު ބެލެހެއްޓުމަށް ޓްރެއިން ކުރާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ބުރިޖު ހެދުމަށް އެ ސަރަހައްދުގައި ޖެހި ވަރުގަދަ ސްޓީލް ޕައިޕް ޕައިލްސް ވެސް މިހާރު އެއްކޮށް ނަގައިފައިވާ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ބުރިޖު ހުޅުވި ފުރަތަމަ ދުވަސްކޮޅު ހިލޭ ދަތުރުކުރެވުނު ނަމަވެސް މިހާރު ބަހުން ދަތުރުކުރުމަށް ކޮޅަކަށް 10 ރުފިޔާގެ މަގުން ދަނީ ފީ ނަގަމުންނެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އެހެން ވެހިކަލްތަކުން ވެސް ފީ ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެން ނަަމަވެސް ފީ ނަގާނެ އަދަދު އަދި ކަނޑައަޅާފައެއް ނުވެ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިން ވިދާޅުވީ އެތަނުން ދަތުރުކުރާ އިރު އުނދަގޫވާވަރުގެ ފީއެއް ނުނަގާނެ ކަމަށެވެ.