08 Oct 2011, 15:57
ސްރީލަންކާގެ ހަންބަންޓޮޓާގައި މިއަދު ފެށި ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ބީޗް ސޮކާ އިވެންޓްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މިމެޗުން ދިވެހި ރާއްޖެ ބަލިވެފައި ވަނީ 8-3 ގެ ނަތީޖާއަކުންނެވެ.
މިމެޗްގެ ކުރީކޮޅު ބަންގްލަދޭޝް އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ އަރުޝަދު މުޙައްމަދު އިސްމާއިލް ވަނީ ބީޗް ސޮކަރއިން ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މިމެޗްގައި ދެވަނަ ފަހަރަށް ބަންގްލަދޭޝް އިން ކުރި ހޯދާފައިވަނިކޮށް، އަބްދުﷲ މަޒްހަރުވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ރާއްޖޭގެ ޔޫސުފް އުމަރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފަ އެވެ. ނަމަވެސް އޭގެ ފަހުން ބަންގްލަދޭޝް އިން ވަނީ ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.
މިމެޗަށް ފަހު ރޭއްޖޭގެ ޓީމުގެ މެނޭޖަރ އަބްދުﷲ ޝިބާ ބުނީ މިމެޗްގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށާއި ޕްރެކްޓިސްއެއް ނެތި އައިސް މިނަތީޖާ ރަނގަޅު ކަމަށެވެ.
"ޕްރެކްޓިސްއެއް ނެތި އައިސް މިނަތީޖާ ރަނގަޅޭ ބުނެވޭނީ. ދެން އެހެން ޓީމުތަކަކީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކުޅޭ ޓީމުތަކެއް އެހެންކަމުން އެޓީމުތައް ރަގަޅުވާނެ."
"ދެން މާދަމާ މިކުޅެނީ ނޭޕާލްއާއި ސްރީ ލަންކާ އާ ދެކޮޅަށް. އުންމީދުކުރަނީ މިމެޗްތަކުގައި ރަނގަޅު ކުރެވޭނެ ކަމަށް. އެކަމަކު ލަންކާއަކީ އެންމެ އޯގަނައިޒްކޮށް ކުޅޭ ޓީމު."
ހަތަރު ޤައުމުން ވާދަކުރާ މިއިވެންޓް ކުރިއަށް ދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމެއް ކުޅެ އެންމެ މޮޅު ދެޓީމު ފައިނަލުގައި ކުޅުމަށް ފަހު ތިން ވަނަ އަދި ހަތަރު ވަނަ ޓީމު ބްރޯންޒް މެޑަލްއަށް ކުޅޭ ގޮތަށެވެ.