06 Jun 2010, 09:55
14:30
ރައްޔިތުންގެ މަޖިލީހުގެ، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް ފޮނުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅުން ހިމެނޭ ކަމަށެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް މަޖިލީހަށް އިއުލާން ކުރުމާއި، އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ހުށަހެޅުމަށް އެޖެންޑާކޮށްފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
މާދަމާގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލާއި، ގާނޫނުއަސާސީއާ ހިލާފް ގާނޫނުތަކާއި، ގާނޫނުތަކުގެ ބައިތަކާގުޅޭ ގޮތުން ހުށަހަޅާ ގަރާރު ހުށަހެޅުމާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި، ޕްރައިވެޓް ސެކިއުރިޓީގެ ބިލާއި، ގާނޫނުއަސާސީއަށް އިސްލާހް ގެނައުމުގެބިލާއި، ދިވެހިބަސް ހިމާޔަތް ކުރުމުގެބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ހުސްވި، މާޗް މަހުގެ ނިޔަލަށް ނިމުނުއިރު އެ ދައުރުގައި ބޭއްވި 28 ޖަލްސާގައި މުހިއްމު ކަންތައްތަކެއް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ބިލުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ އިދާރީ ބިލު ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް މުހިއްމު ބިލްތަކެއް ހުށަހަޅާފައިވާއިރު ކުރިން ހުށަހަޅާފައިވާ މުހިއްމު ބިލު ތަކެއްގެ މަސައްކަތް ވެސް ދެވަނަ ދައުރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.