ސިނަމާލެ ބުރިޖު ހެދި ސަރަހައްދުގެ ކަނޑުއަޑީގެ 60 ޕަސެންޓް މިހާރު ސާފުކުރެވިއްޖެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާ ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިން ވެސް ތާވަލު ކުރެވިފައިވާ ގޮތަށް އެ ސަރަހައްދުގެ ކަނޑުއަޑި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ. އަދި މިހާރު އޭގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގެ ކަނޑުގެ އޮއި ހުރި ގޮތުން ބާކީ އޮތް ބައި ސާފުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދިރާސާތައް ކުރަމުންގެންދާ ކަމަށް ވެސް ޗައިނާ އެމްބަސީ އިން ބުންޏެވެ. އަދި ބުނީ އެ ދިރާސާތައް ނިމި ޕްލޭންތައް ނިމުނުހާ އަވަހަކަށް އެ ކަމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ޗައިނާ އެމްބަސީ އިން ބުނީ ބުރިޖު ހުޅުވިފަހުން ކޮންމެ ދުވަހަކު ވެސް 10،000 މީހުން އެތަން ހުރަސްކުރާ ކަމަށެވެ. އަދި ކުރިން ވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން ބުރިޖުގެ އޮޕަރޭޝަންތަކާއި މެއިންޓެނެންސްގެ މަސައްކަތްތައް ދެ އަހަރު ދުވަސްވަންދެން ޗައިނާގެ ކުންފުނިން ބަލަހައްޓާނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ މީހުން ބުރިޖު ބެލެހެއްޓުމަށް ޓްރެއިން ކުރާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ބުރިޖުގެ މަސައްކަތް ނިމުނުއިރު އެ ސަރަހައްދުގައި ބޮޑެތި ހޮޅިއާއި ދަގަނޑު ފަދަ ނުރައްކާތެރި ސާމާނު ހުރުމުން ގިނަ ބަޔަކު މީސް މީޑިއާގައި ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ސަރަހައްދަށް އަތިރިމައްޗަށް ދާދި ފަހުން ގިނަ އަދަދެއްގެ ހިލަތަކެއް ލެއްގައި ވެލިގަނޑުވެސް ވަނީ ކަޅުވެފަ އެވެ.