އިންސައިޓް ކޮންސަލްޓެންސީ ސާވިސް އިން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި "ޒީރޯ ޕްލާސްޓިކް ރަން"ގައި 742.8 ކިލޯގެ ޕްލާސްޓިކް ހޮވައިފި އެވެ.

ފަސް ކިލޯ މީޓަރުގެ މި ދުވުމުގެ ބައިވެރިން ފުރިހަމަކޮށްފައި ވަނީ ރަން ކުރިއަށް ގެންދިޔަ ރޫޓުން ފެންނަ ޕްލާސްޓިކް ހޮވައި ބައިވެރިން އަތުގައި އޮންނަ ކޮތަޅަށް އަޅާ ގޮތަށެވެ. މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ދުވުމެކެވެ.

"މިއަހަރުގެ އިވެންޓުގައި 1200 އަށް ވުރެ ގިނަ މީހުން ބައިވެރިވި. އަޅުގަނޑުމެންގެ އުއްމީދަކީ ދުވުމުގައި ބައިވެރިވި ބޭފުޅުންގެ ލައިފް ސްޓައިލަށް މި ދުވުމުގެ ސަބަބުން ބަދަލެއް އަައުން،" އައިސީއެސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޒީރޯ ޕްލާސްޓިކް ރަން --- ސަން ފޮޓޯ/ ޝާހު

އައިސީއެސް އިން ނިންމާފައި ވަނީ ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް އަހަރަކު އެއްފަހަރު މި ދުވުން ބޭއްވުމަށެވެ.

"އަންނަ އަހަރު ވެސް އިރާދުކުރެއްވިއްޔާ މި ރަން އޮންނާނެ. އަޅުގަނޑުމެންގެ ކްލީނިން ކުއެސްޓު އަހަރަކު ތިން ފަހަރު ބޭއްވޭތޯ މިބަލަނީ،" އައިސީއެސް އިން ރަށްރަށުގެ ގޮނޑުދޮށްތައް ސާފުކުރުމަށް ކުރިއަށްގެންދާ އިވެންޓާ ގުޅޭ ގޮތުން އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދުގެ ރަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުން ވެސް ބައިވެރިވި އެވެ.

"ޒީރޯ ޕްލާސްޓިކް ރަން"ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.