01 Feb 2019, 11:14
ރާއްޖެއަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކާ ގުޅޭ ގޮތުން އަލުން މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ޗައިނާ އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތަކަކީ ޗައިނާގެ ލޯނު އެހީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކެކެވެ. ޗައިނާ އިން ބުނެފައި ވަނީ ރާއްޖެއަށް ލޯނު ދޫކޮށްފައި ވާނީ ކުޑަ އިންޓްރެސްޓެއްގައި ކަމަށާއި ރާއްޖޭގެ ތަރައްގީ އަށް ދޫކޮށްފައިވާ ލޯނުތަކާ މެދު އަލުން މަޝްވަރާކުރުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށެވެ.
ޗައިނާ އިން މިހެން ބުނެފައިވާ އިރު، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބޭރުގެ ނޫހެއްކަމަށްވާ ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއަށް ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރު ކުޑަކޮށްދެން ޗައިނާ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ މަޝްވަރާތަކުގައި އިންޓްރެސްޓްރޭޓް ކުޑަކޮށް ލޯނު އަލުން ދައްކަން ލިބޭ ވަގުތު އިތުރުކުރަން މަޝްވަރާކުރައްވާނެ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.
"ރާއްޖޭގެ ފިސްކަލް ހެލްތު ތަނެއް ނުދޭ މިފަދަ ބުރަބޮޑު ކޮންޓްރެކްޓްތަކާ އެކު ކުރިއަށް ދާކަށް. މި ކޮންޓރެކްޓުތައް އަލުން ރީ ނެގޯޝިއޭޓް ކުރުމަކީ ރާއްޖެއަށް މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ ދަރަނި ބޮޑުވެފައި ވަނީ ކޮންޓްރެކްޓަރުން ދީފައިވާ ރިޝްވަތުގެ ސަބަބުން ކަމަށާއި ޗައިނާގެ ޕްރޮޖެކްޓުތަކުގެ އިތުރުން އެހެން ޕްރޮޖެކްޓުތަކުން ވެސް ކޮރަޕްޝަން ފެންނަން އެބައޮތް ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގައި ޗައިނާ މީހުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ގޮތުން ޗައިނާ އާއެކު މަޝްވަރާކޮށް ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވަނީ ރާއްޖެ އިން ޗައިނާ އަށް ދަރާފައިވާ ފައިސާގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ އެއާޕޯޓު ތަރައްގީ އަށް ނަގާފައިވާ ލޯނާއި ބްރިޖު މަޝްރޫއަށް ނެގި ލޯނު ކަމަށެވެ. ފިނޭންސް މިނިސްޓްރީ އާހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް، ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުގެ މިންވަރު 935 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ދުސައިތައް މިލިއަނެއްގައި ޑޮލަރު ހަރަދުކޮށްގެން އެޅި ސިނަމާލެ ބްރިޖަކީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.