މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "މަނީކަރްނިކާ" ދަ ކުއީން އޮފް ޖާންސީ' އަސްލު ޑައިރެކްޓު ކުރި މީހަކު އޮޅި، ކަންގަނާ އާއި ޑައިރެކްޓަރު ކްރިޝް ޖަގަރްލާމުދީ އާދޭތެރޭ މައްސަލަ ހޫނުވެއްޖެ އެވެ.

ފިލްމުގެ މަސައްކަތް ފެށި އިރު ފިލްމުގެ ޑައިރެކްޓަރަކީ ކްރިޝްއެވެ. އަދި ކްރިޝް ވަނީ ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ފިލްމުގެ މަސައްކަތް މުޅިން ނިންމައިފަ އެވެ.

ނަމަވެސް ޕްރޮޑިއުސަރުން ފިލްމުގެ ވާހަކައަށް ބައެއް ބަދަލުތައް ގެނެސް ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނަގަން ބޭނުން ކަމަށް ބުނެ ފިލްމުގެ ޑައިރެކްޝަނާ ދެން ހަވާލުވީ ބަތަލާ ކަންގަނާ އެވެ. އޭރު ކްރިޝް ވަނީ އިތުރު ފިލްމެއްގެ ޑައިރެކްޝަންގެ މަސައްކަތް ފަށައިފައެވެ.

ކަންގަނާ ޑައިރެކްޓަރުގެ ގޮނޑީގައި އިނދެ ޝޫޓު ކުރަން ހަމަޖެހިފައި އޮތީ މަދު މަންޒަރުތަކެއް ނަމަވެސް ފަހުން ކަންގަނާ ވަނީ ފިލްމުގެ 70 ޕަސެންޓު ޝޫޓު ކުރީ އޭނާ ކަމަށް ބުނެފަ އެވެ. މައްސަލަ ހޫނުވީ ފިލްމުގައި ކަންގަނާ އަށް ކޯ-ޑައިރެކްޓަރެއްގެ ކްރެޑިޓް ދީފައިވުމުންނެވެ.

ކްރިޝް ބުނީ ކަންގަނާ ކުރީ ތަނެއްގައި ޕެޗު އެޅުން ކަހަލަ ކަމެއް ކަމަށާއި، އެއީ އޭނާއަށް ފިލްމުގެ ޑައިރެކްޝަންގެ ކްރެޑިޓް ދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކްރިޝް ވަނީ ފިލްމުގެ 70 ޕަސެންޓު ޝޫޓު ކުރި ކަމަށް ބުނެ ކަންގަނާ ދެއްކި ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.

ކްރިޝް ބުނީ ފިލްމުގެ 75-80 ޕަސެންޓު މަންޒަރުތަކަކީ އޭނާ ޝޫޓުކޮށްފައިވާ މަންޒަރުތައް ކަމަށެވެ. އޭގެ އިތުރުން ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރު އަދި ކްރޫ ވެސް ވަނީ ފިލްމުގައި ބޭނުންކޮށްފައިވާ 80 ވަރަކަށް ޕަސެންޓު މަންޒަރުތަކަކީ ކްރިޝްގެ މަސައްކަތް ކަމަށް ބުނެފަ އެވެ.

މިއީ ކަންގަނާ އާއި ޑައިރެކްޓަރަކާ ފިލްމުގެ ޑައިރެކްޝަންގެ މައްސަލަ ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ކަންގަނާގެ ފިލްމު 'ސިމްރަން'ގެ ކްރެޑިޓް ވެސް އޭނާ ނެގުމުން ޑައިރެކްޓަރާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

އޭގެ އިތުރުން 'މަނީކަރްނިކާ' ފިލްމުގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު އެކްޓަރު ސޯނޫ ސޫދު ވެސް ވަނީ ކަންގަނާ އާއި ޖެހުނު މައްސަލައެއްގައި ފިލްމު ދޫކޮށްލައިފަ އެވެ. ސޫދު އަދާކުރި ރޯލު ފަހުން ކުޅެފައި ވަނީ އެހެން އެކްޓަރެކެވެ.

ފިލްމު ރިލީޒް ކުރުމަށް ފަހު ކަންގަނާ ވަނީ ޗުއްޓީ އަކަށް ޖަރުމަން ވިލާތަށް ފުރައިފަ އެވެ. އެހެންކަމުން ކްރިޝްގެ ވާހަކަތަކަށް އޭނާ އަދި ޖަވާބު ދީފައެއް ނުވެ އެވެ.

ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް 52 ކުރޯރު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.