01 Feb 2019, 08:41
މަޝްހޫރު ލަވަކިޔުންތެރިޔާ ނީތީ މޯހަން، 39، އާއި އެކްޓަރު ނިހާރް ޕާންޑިޔާ މި މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ލޯބީގެ ގުޅުމާ ބެހޭ އެއްވެސް ސުވާލަކަށް ޖަވާބު ދޭން މީގެ ކުރިން އިންކާރު ކުރަމުން ދިޔަ ޖޯޑު، ދެމީހުންގެ ކައިވެނީގެ ވާހަކަ ހިއްސާކުރީ ޝޯއެއްގެ ތެރެއިންނެވެ. ނީތީ އާއި ނިހާރް ކައިވެނި ކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ލޯބިވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
ދެމީހުންގެ ގުޅުން ފެށުނު ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިހާރް ބުނީ ދެމީހުން ފުރަތަމަ ބައްދަލުވީ ރައްޓެއްސެއްގެ ކައިވެނި ހަފްލާ ތެރެއިން ކަމަށެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އިސްވެ ކައިވެންޏަށް އެހީ ވެސް އޭނާ ކަމަށް ނިހާރް ބުންޏެވެ. ނިހާރް އަކީ ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރީގެ ލޯބިވެރިޔާއެވެ.
ނިހާރް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކަންގަނާ ރަނައުތުގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އިންނެވެ. ނީތީގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'އިޝްގް ވާލާ ލަވް'، ސޯ އާސްމާން'، ހާލޭ ދިލް'، އަދި 'ކީންޗް މޭރީ ފޮޓޯ' ފަދަ ލަވަތައް ހިމެނެއެވެ.