08 Oct 2011, 14:35
ޔޫރޯ ކޮލިފައިންގައި ވޭން ރޫނީގެ ރަތްކާޑާއި އެކު، މޮންޓެނީގްރޯ އިން އިނގިރޭސިން ހިފެހެއްޓި ނަމަވެސް ޕޮއިންޓަކާއެކު ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫރޯ 2012 ގެ މުބާރާތަށް ދަތުރުކޮށްފިއެވެ.
މިގްރޫޕުގެ ދެވަނާގައި އޮވެ، މޮނެޓެނީގްރޯ އަށް ވެސް ވަނީ ޕްލޭއޮފް ގެ ޖާގައެއް ކަށަވަރުވެފައެވެ. މޮންޓެނީގްރޯ އަށް ދެވަނަ މަގާމު ލިބުނީ ވޭލްސް އަތުން ތިންވަނާގައި އޮތް ސްވިޒަލޭންޑް ބަލިވުމުންނެވެ.
ގްރޫޕް ޖީގައި ސްވިޒަލޭންޑާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާ ދެލަނޑުގެ ލީޑެއް ހޯދާފައި ވެއެވެ. އެގޮތުން، މެޗުގެ އެގާރަ ވަނަ މިނެޓުގައި އޭޝްލީ ޔަންގް އިނގިރޭސިންނަށް ލީޑު ހޯދައިދިންއިރު، 31 ވަނަ މިނެޓުގައި ޑެރަން ބެންޓް ވަނީ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް އެލްސާދް ޒުވަރޮޓިކް ވަނީ އިނގިރޭސިންގެ ގޯލު ހުޅުވާލާފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބޯޅަ ނެތިސް މޮންޓެނީގްރޯގެ މިއޮޑްރަގް ޑުޒޮވިޗަށް ރޫނީ ހަމަލާ ދިނުމުން އިނގިރޭސިންނަށް ޖެހުނީ ދިހަ ކުޅުންތެރިންނާއި އެކު މެޗު ފުރިހަމަ ކުރާށެވެ. މޮންޓެނީގްރޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިޔާ އަންދުރިޖާ ޑެލިބަސިޗް މެޗުގެ ފަހު މިނެޓުގައި ޖެހި ލަނޑާ އެކުއެވެ. މެޗު ނިމިގެންދިޔައީ 2-2 ލަނޑުންނެވެ.
މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ވޭލްސް އާއި ދެކޮޅަށް ކުޅެ ސްވިޒަލޭންޑް ބަލިވި މެޗުގައި އެޓީމު ވެސް ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. މެޗުގެ 55 ވަނަ މިނެޓުގައި ސްވިޒަލޭންޑުގެ ރެޓޯ ޒިގްލާ އަށް ދެއްކި ރަތް ކާޑަށް ފަހު ވޭލްސް އިން ވަނީ ދެލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ވޭލްސް އަށް ލިބުނު ޕެނަލްޓީއަކުން އާރޮން ރަމްސީ ކާމިޔާބު ކުރިއިރު، މެޗުގެ 71 ވަނަ މިނެޓުގައި ގެރެތް ބޭލް ވަނީ ވޭލްސް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ވޭލްސް ކުރީގައި އޮވެގެންނެވެ.
ގްރޫޕް އޭގައި ކުޅުނު މެޗުތައް ކާމިޔާބުކުރީ ޖަރުމަން އާއި، ބެލްޖިއަމް އަދި އޮސްޓްރޭލިޔާ އެވެ. މިގްރޫޕުން ޖަރުމަން މޮޅުވެ ކޮލިފައިވުމުގެ ލީޑް ދަމަހައްޓަމުން ދިޔަ މެޗުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މާރިއޯ ގޮމޭޒް އާއި، ތޯމަސް މުލާ އަދި ބަސްޓިއަން ޝުވެންސްޓެއިގާ އެވެ. ތުރުކީ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަކާން ކާދިރް ބަލްޓާ އެވެ. މިމެޗު 3-1 ލަނޑުން ޖަރުމަން މޮޅު ވެފައި ވާއިރު، ކަޒަކިސްތާން އަތުން ބެލްޖިއަމް މޮޅުވީ 4-1 ލަނޑުންނެވެ. އަދި އަޒަރުބައިޖާން އަތުން އޮސްޓްރިއާ ވެސް މޮޅުވެފައިވަނީ 4-1 ލަނޑުންނެވެ.
ގްރޫޕް ބީގައި ކުޅުނު މެޗުތަކުން މޮޅުވީ ރަޝިޔާ އާއި، އަޔަލެންޑް އަދި އާމޭނިއާ އެވެ. މިގްރޫޕުން ކޮލިފައިވެފައިވާ ޓީމެއް އަދި ކަށަވަރުވި ނަމަވެސް ކޮލިފައިވުމުގެ ފުރުސަތު ބޮޑީ ރަޝިޔާ އަށެވެ. ސްލޮވާކިއާ އަތުން ހަނިގޮތަކަށް ރަޝިޔާ މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެލް ޒަގޯއީ އެވެ. އެންޑޯރާ އަތުން 2-0 ލަނޑުން އަޔަލެންޑް މޮޅުވިއިރު، މެސެޑޯނިއާ އަތުން އާމޭނިއާ މޮޅުވީ 4-1 ލަނޑުންނެވެ.
ގްރޫޕް ސީގައި ކުޅުނު ދެ މެޗުން އެއް މެޗުން ނޮދަން އަޔަލެންޑް އަތުން 2-1 ލަނޑުން އެސްޓޯނިއާ މޮޅުވެފައިވާއިރު، ގްރޫޕުގެ އެއްވަނާގައިވާ އިޓަލީ އާއި ސާބިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. އިޓަލީ އަށް ކްލައުޑިއޯ މާޗިސިއޯ ލީޑު ހޯދައިދީފައި ވަނިކޮށް ސާބިއާގެ ބްރަނިސްލާވް އިވަނޮވިޗް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ކޮލިފައިންގައި އެއްވެސް މެޗަކުން ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑް އިޓަލީ އިން އަދިވެސް ދަނީ ދަމަހައްޓަމުން ނެވެ.
ގްރޫޕް ޑީގައި ބޮޑު ތަފާތަކުން ބޮސްނިއާ މޮޅުވުމުން ފްރާންސް އަށް ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރު ނުވެފައެވެ. މިގްރޫޕުގެ އެއްވަނާގައިވާ ފްރާންސް އާއި ދެވަނާގައި އޮތް ބޮސްނިއާ އާއި ދެމެދު ވަނީ އެއް ޕޮއިންޓުގެ ފަރަގެކެވެ. އެލްބޭނިއާ އަތުން 3-0 ލަނޑުން ފްރާންސް މޮޅުވި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ފްލޮރެންޓް މަލޫޑާ އާއި، ލޮއިކް ރެމީ އަދި އެންތޮނީ ރެވެލޭރީ އެވެ.
ލަކްސެންބާގް އަތުން 5-0 ލަނޑުން ބޮސްނިއާ މޮޅުވިއިރު، ރޫމޭނިއާ އާއި ދެކޮޅަށް ބެލޭރަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ގްރޫޕް އީގެ މެޗުތައް ހަނިގޮތަކަށް ކާމިޔާބުކުރީ މިގްރޫޕުން ކޮލިފައިވެފައިވާ ހޮލެންޑް އާއި ސްވިޑަން އެވެ. މޮލްޑޯވާ އަތުން 1-0 ލަނޑުން ހޮލެންޑް މޮޅުވި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހައިދިނީ ކްލާސް ޔޭން ހަންޓެއްލާ އެވެ. ފިންލެންޑް އަތުން ސްވިޑަން މޮޅުވީ 2-1 ލަނޑުންނެވެ.
ގްރޫޕް އެފްގައި ކުޅުނު ދެ މެޗު ވެސް ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ. އެއް މެޗުގައި ކްރޮއޭޝިއާ އަތުން ގްރީސް މޮޅުވިއިރު އަނެއް މެޗު ލެޓްވިއާ ކާމިޔާބުކުރީ މަލްޓާ އާއި ބައްދަލު ކޮށްގެންނެވެ. ކޮލިފައިވުމަށް ފުރުސަތު ގްރީސް އަށް ބޮޑު ކޮށްދިން މެޗުގެ ފުރަތަމަ ލަނޑު ޖީޖިއޮސް ސަމަރާސް ކާމިޔާބު ކޮށްދިން އިރު، ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ތިއޮފަނިސް ޖެކާސް އެވެ.
ގްރޫޕު އެޗްގައި ޕޯޗުގަލް އާއި ޑެންމާކް ކުޅުނު މެޗުތައް ކާމިޔާބުކުރުމުން އެ ދެ ޓީމަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. މިދެޓީމަށް ސޯޅަ ޕޮއިންޓް ލިބޭއިރު، ތާވަލުގެ ކުރީގައި ގޯލުގެ ތަފާތުން އުޅެނީ ޕޯޗުގަލް އެވެ. އައިސްލެންޑް އަތުން 5-3 ލަނޑުން ޕޯޗުގަލް މޮޅުވި މެޗުގައި އެޓީމަށް ނާނި ދެލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ހެލްޑާ ޕޮސްޓިޖާ އާއި، ހޯއާ މޫޓީނިއޯ އަދި ޕެރޭރާ އެލިސެއޫ އެވެ. ސައިޕްރަސް އަތުން ޑެންމާކު މޮޅުވީ 4-1 ލަނޑުންނެވެ.
ގްރޫޕް އައި ގައި އެންމެ މެޗެއް ކުޅެފައިވާއިރު، މިމެޗުގައި ބައްދަލުކުރީ ކޮލިފައިވެފައިވާ ސްޕެއިން އާއި ޗެކް ރިޕަބްލިކް އެވެ. މިމެޗުގައި ސްޕެއިން އިން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ހުއާން މަޓާ ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒަބީ އަލޮންސޯ އެވެ.