01 Feb 2019, 00:27
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 11 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 11 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ އެ އިދާރާ އިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އަށާރަ އަހަރުން ދަށުގެ ދެ ކުޑަކުދިންގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ދިވެހި އަންހެނަކާއި ހަތް ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. ޖުމްލަ 11 މީހުން މި އޮޕަރޭޝަންގައި ވަނީ ހައްޔަރުކޮށްފައެވެ.
މި މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މީހަރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.