31 Jan 2019, 23:34
ވަކީލުންގެ ކަންކަން ބަލަހައްޓާނެ ބާ ކައުންސިލެއް އުފެދޭނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ބާ ކައުންސިލެއް އުފެއްދުމަށް ގާނޫނީ ހިދުމަތުގެ ގާނޫނުގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް މިރޭ ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ރޫލިންގް އަކުން ވަކީލުންގެ ޕްރޮފެޝަންގެ ކަންކަން ބެލެހެއްޓުން ސުޕްރީމް ކޯޓުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގާނޫނަކުން އުފައްދާ މިނިވަން ބާ އެސޯސިއޭޝަނެއް ގާއިމް ކުރެވެންދެން ކަމަށެވެ.
" އަޅުގަނޑު މި މަގާމުގައި ހުރެ އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އެފަދަ ބާ ކައުންސިލެއް ދާދި އަވަސް މުސްތަގުބަލެއްގައި މާތް ﷲ ގެ ވާގިފުޅާއެކު އުފެދިގެންދާނެ ކަމުގެ އުންމީދު އާލާވެފައި ވާކަން." އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
އެމަނިކުފާނުގެ އުންމީދަކީ މުސްތަގިއްލު ބާ ކައުންސިލެއް އުފެދި ގާނޫނީ ވަކީލު ކަމުގެ ޕްރޮފެޝަން އިތުރަށް ތަރައްގީވެ ހަރުދަނާ ވެގެން ދިޔުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުންގެ ހިދުމަތް ރަނގަޅަށް ދެވޭނީ އެ ޕްރޮފެޝަންއަކީ މިނިވަން މުސްތަގިއްލު ޕްރޮފެޝަނަކަށް ވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުން ހުވާކުރުމަށް މިރެ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ގާނޫނީ ވަކީލު ކަމުގެ ޕްރޮފެޝަން ވަނީ ކުރިއެރުންތަކެއް ހާސިލުކޮށްފައި ކަމަށެވެ. އަދި ވިދާޅުވީ މުޖުތަމައުގައި ގާނޫނީ ވަކީލުން ފޯރުކޮށްދޭ ހިދުމަތަކީ ގާނޫނުގެ ސިޔާދަތު ހިފަހައްޓާ ގައުމީ މަސްލަހަތާއި މުޖުތަމައުގެ ރައްކާތެރި ކަމަށް މުހިންމު ހިދުމަތެއް ކަމަށެވެ.
" އެހެންކަމުން އެ ހިދުމަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި އެ ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންގެވެސް އެންމެ އިސް ވާޖިބެއް ގޮތުގައި ދެކިވަޑައިގަންނަވަން ޖެހޭ ކަމަކީ ތެދުވެރިކަމާ ޒިންމާ ދާރު ކަމާއެކު އެ ހިދުމަތް ކުރެއްވުން." އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ ހިދުމަތުގެ އިތުބާރު ދެމެހެއްޓުމަށް ގާނޫނީ ވަކީލުންގެ ހިދުމަތުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލުންގެ ޕްރޮފެޝަން ދެމެހެއްޓުމަށް ކޮންޓިނިއު އެޑިއުކޭޝަން މުހިންމު ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް ޖުޑިޝަލް އެކަޑެމީ މެދުވެރިކޮށް ވަކީލުންނަށް ތައުލީމާއި ތަމްރީނު ދެއްވާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު ދެއްވި އެވެ.
މިރޭ ގާނޫނީ ވަކީލު ކަމުގެ ހުވާ 104 ފަރާތަކުން ވަނީ ކޮށްފަ އެވެ.