އުމުރުން 104 އަހަރުގެ އަންހެނެއްގެ ގޯލްބްލެޑާ (ފިތް) ނެގުމުގެ އޮޕަރޭޝަނެއް (އޯޕަން ކޮލެސިސްޓެކްޓޮމީ) ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާ އެކު މިއަދު ކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ޒަމާނީ ފެންވަރުގެ އެއް ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕުން ބުނީ މިއަދު އެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކޮށްފައިވާ އިރު އެ އޮޕަަރޭޝަން ކުރި އަންހެން މީހާ އަކީ އެ ހޮސްޕިޓަލުން މިހާތަނަށް ފަރުވާ ހޯދި އެންމެ ދުވަސްވީ މީހާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުން ބަލި މީހާގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ބުނީ ކޮލެސިސްޓެކްޓޮމީ އޮޕަރޭޝަނަކީ ގޯލްބްލެޑާގައި ހިލަ އުފެދި އެކަމުގެ ސަބަބުން ޖަރާސީމް އުފެދުމުން ދަތުވާތީ ކުރާ އޮޕަރޭޝަނެއް ކަމަށެވެ.

ޓްރީޓޮޕުން ބުނީ އެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އުބައިދު އިސްކޮށް ހުންނަވައިގެން ގާބިލް ޓީމަކުން ކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި އައްސިކުރާ ޑޮކްޓަރުންނާއި ތިއޭޓަ ނަރުހުން ހިމެނެ އެވެ.

އެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށް ޑރ. އުބައިދާ ހަވާލާދީ އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އަދި އެ ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޓީމަކީ ތަޖުރިބާކާރު ގާބިލު ޓީމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އޮޕަރޭޝަން ކުރަން ޖެހުނީ އުމުރުން ދުވަސްވީ މީހެއްގެ ކަމަށް ވާތީ، ދުރާލައި ފުރިހަމަ އަށް ތައްޔާރުވާން ޖެހުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފައިވާ އިރު އާސަންދަ އާއި އެހެނިހެން އިންޝުއަރެންސް މެދުވެރިކޮށް ފަރުވާ ހޯދޭނެ ނިޒާމް ވެސް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.