31 Jan 2019, 22:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ރަޖިސްޓްރީކޮށްދީ، ޕާޓީ ރަޖިސްޓްރީ ކުރި ކަމުގެ ސެޓްފިކެޓް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާ ހަވާލުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވަނީ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮންގްރެސް ޕާޓީން ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްތަ އިން ސައްތަ ސައްހަ ފޯމްގެ އަދަދަކީ 3118 ކަމަށެވެ.
ކޮންގްރެސް ޕާޓީން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ އެއް ހުށަހެޅިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އެ މައްސަލަ ހުށަހެޅި ފަރާތުންނާއި އޭގައި ހެކިންގެ ގޮތުގައި ހިމަނާފައިވާ އެއްވެސް ފަރާތަކުން ބަޔާން ދިނުމަށް އައިސްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އަކީ ސައްހަ މައްސަލައެއް ކަމަށް ބެލެން ނަތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ޕީޕީލަސް ނޭޝަނަލް ކޮންގްރެސްއާ ދޭތެރޭ ގައި އިލެކްޝަން ކޮމިޝަނުން ފިޔަވަޅެއް އަޅާނެ ޖާގަ އެއް ނެތް ކަމަށް ނިންމާފައި ވަނީ،" ޝަރީފް ވިދާޅުވި އެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ އިދާރާ ހުންނަނީ އެއް އެޑްރެހެއް ކަން ފާހަގަކޮށް ޝަރީފް ވަނީ ދެ ޕާޓީން މަޝްވަރާކޮށްގެން އެކަން ރަނގަޅު ކުރުމަށް އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، އިދާރީ އޮފީހާ ގުޅޭ ގޮތުން ވަގުތީ ހިންގާ ކޮމެޓީގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
"މިރޭ ރަޖިސްޓްރީވެގެންދިޔަ ކޮންގްރެސް ޕާޓީއަކީ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތަށް ވަރަށް ފާގަތިކަން ގެނެސްދޭނެ ޕާޓީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.