31 Jan 2019, 23:02
ކުރިއަށް ފަސް އަހަރު ދުވަހު ޖުޑިޝަރީ ހިންގާނެ ގޮތުގެ ސްޓްރެޓެޖިސްކް ޕްލޭންއެއް އެކުލަވާލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޖުޑިޝަލް ރިފޯމް ކޮންފަރެންސެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ އިއުލާނުކޮށްފަ އެވެ.
އާ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް މިރޭ ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އެއީ ޖުޑިޝަރީގެ އުންމީދުތައް އާވެގެންދާނެ ފޯރަމަކަށް ވެގެންދާނެ ކަމަށެވެ.
އަދި ފޯރަމް ވެގެންދާނީ ޖުޑިޝަރީގެ ކަންކަން އިސްލާހުވެ ކުރިއަށް ހުރި ކަންކަން ރަނގަޅު މަގުން ހިނގުމަށް މަގުފަހިވެގެންދާނެ ފޯރަމަކަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އުންމީދު އާވެގެން ދަނީ ކުރިއަށް އޮތް ފަސް އަހަރު ޖުޑިޝަރީގެ ސްޓްރެޓެޖީ ގެންދާނެ ޕްލޭންއެއް އަޅުގަނޑުމެންނަށް އެކުލަވާލެވި ފަސް އަހަރުގެ މުއްދަތަށް އަޅުގަނޑުމެންގެ ދުރު ރާސްތާ ކަނޑައެޅިގެން ދާނެތީވެ." ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ މިރޭ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރެއްވި ފަންނީ ބޭފުޅުން ވެގެންދާނީ ޖުޑިޝަރީއަށް އަދި ލީގަލް ޕްރޮފެޝަނަށް މުހިންމު ބަޔަކަށް ކަމަށެވެ.
ޖުޑިޝަރީ ހިންގާނެ ގޮތުގެ ފަސް އަހަރުގެ ޕްލޭންއެއް އެކުލަވާލަން ސުޕްރީމް ކޯޓުން ނިންމާފައި މިވަނީ ޖުޑިޝަރީ އިސްލާހު ކުރަން އެމްޑީޕީން އިސްލާހު ތަކަކާއެކު ކަރުދާހެއް އެކުލަވާލާފައި ވަނިކޮށެވެ.
އެ ކަރުދާހުގައި ވާގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބޮޑެތި ބާރުތަކެއް އަތުލުމަށް ގާނޫނުތަކަށް ބަދަލު ގެންނާނެ އެވެ.