ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ވަގުތީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ޕީޕީއެމް އުފެއްދުމުގެ ޖަލްސާ މިހާތަނަށް ނުބޭއްވި ލަސްވީ ޖަލްސާ ބޭއްވުމަށް ބޮޑު ހޯލެއް ނުލިބުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ދަރުބާރުގޭ ރަންނަބަނޑޭރި މާލްގައި މިހާރު ބޭއްވުމަށް ތައްޔާރުވާ ޖަލްސާގައި އެ ޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ އާއި ޕާޓީގެ ދިދަ އާއި ލޯގޯ ފާސްކޮށް، ވަގުތީ ހިންގާ ކޮމިޓީ އެކުލަވާލާނެ ކަމަށެވެ.

"ޕީޕީއެމް އުފެއްދުމުގެ ޖަލްސާއަކީ ވަރަށް ބޮޑު ޖަލްސާ އަކަށް ވާނެ. އެކަމަށް މިހާރު މިދަނީ ތައްޔާރުވަމުން [އިދާރީ ގޮތުން ނިންމަން ޖެހޭކަންތައް ނިންމަމުން] އަޅުގަނޑުމެންނަށް މަޢުލޫމާތުލިބިފައި އެބައޮތް އިލެކްޝަނުން ވެސް ޕާޓީގެ ފޯމްތައް މިހާރު ވަރަށް ބާރަށް ޕުރޮސެސް ކުރަމުން ދާކަން. އެހެންވީމަ އެހާހިސާބަށް ދާއިރު ޕާޓީ ރަޖިސްޓުރީވުމުގެ މަރުހަލާ ފުރިހަމަ ކުރެވޭކަމަށް މިބަލަނީ،" މަހުލޫފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި، ޕާޓީ އުފެއްދުމުގެ ޖަލްސާގައި މަދުވެގެން 300 މެމްބަރުން ބައިވެރިވާން ޖެހޭނެ ކަމަށް ބުނެފައި އޮތަސް، އެއަށްވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދުމައް 3600 މީހުންގެ ސޮޔާ އެކު ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ މަހުގެ 20ގަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ރަޖިސްޓްރީކޮށްދެނީ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ފަހު އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Mahuloof (mp3)