ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

މަސްތުވާކެއްޗާ އެކު ޝާންޓޭ ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ފުލުހުން މީގެ ކުރިން "ސަން" އަށް ބުނީ، ޝާންޓޭ ދުކޮށްލައިފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ކަމަށެވެ. އެނާގެ ބަންދާ މެދު ގޮތެއް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވީ، ޝާންޓޭ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޑިސެމްބަރު 12 ގައި ހުށަހަޅާފައިވާ ކަމަށެވެ.

އިސްތިއުނާފު މައްސަލަތުގައި މިހާރު އަމަލު ކުރާ އުސޫލަކީ، އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް އެ މައްސަލަ ނިންމި ކޯޓަކަށް ހުށަހެޅުމެވެ. އެ ލިޔެކިޔުންތައް މަތީ ކޯޓަށް ހުށަހަޅާނީ މައްސަލަ ނިންމި ދަށު ކޯޓުންނެވެ.

ގައުމީ އިނާމު ހޯދާފައިވާ ޝާންޓޭ ވަނީ 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓާ މޯލްޑިވްސް އާއި އަދި ވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދައިފަ އެވެ.