31 Jan 2019, 20:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ނުކުރައްވާ ކެންޑިޑޭޓެއް އެމްޑީޕީގައި ނުހުންނާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބަށް ވަމުންދާ ތައްޔާރީ ތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް އިންތިހާބުގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ ރައީސް ސޯލިހު ތާއީދު ކުރައްވަނީ ވަކި ކެންޑިޑޭޓަކަށް ކަމެއް ވިދާޅުނުވާ ކަމަށެވެ. އަދި އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ހަރަކާތްތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަމުންދާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އަދި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ރައީސް ސޯލިހު ތާއީދު ކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ވާދަކޮށް ޓިކެތް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކުރުމަށް މާދަމާރޭ އެޕާޓީން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާގައި ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ކަން އެނގިފައިވެ އެވެ.
އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ. ފެށޭ ހަފްތާގައި ހުރިހާ ކެންޑިޑޭޓުން އެއްކޮށް އިލެކްޝަންސް ކޮމިޝަނަށް ގޮސް ކެންޑިޑެންސީ ހުށަހަޅުއްވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީން ވަނީ މަޖިލީހުގައި އެބޭފުޅުން ކުރައްވާނެ މަސައްކަތާއި، އިސްލާހު ގެންނާނެ ދާއިރާތަކުގެ 15 ޕޭޕަރެއް ހުށަހަޅާފަ އެވެ. އެޕޭޕަރުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ފެށޭ މަހު ފަހަކާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެމްޑީޕީން ހުށަހެޅި ޕޭޕަރުތަކުގެ ތެރޭގައި ޖުޑިޝަރީ އިސްލާހު ކުރުމާއި، މިނިމަމް ވޭޖް ކަނޑައެޅުމާއި، އިންކަމް ޓެކްސް ނަގަން ގާނުނު ފާސްކުރުން ފަދަ ބޮޑެތި ކަންކަން ހިމެނެ އެވެ.