ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ވާދަ ކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު "ސަން" އިން އޭނާއާ ސުވާލު ކުރުމުން ނިހާން ވިދާޅުވީ، އޭނާ މަޖިލީހަށް ކުރިމަތިލައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ. އެެހެން ނަމަވެސް، އޭނާ އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިހާރު ވިލިމާލޭ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ނިހާން އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާ އަށެވެ.

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެން ފެށުމާ އެކު ރައީސް ޔާމީން ވާނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެއާ އެކު ޕީޕީއެމްގެ ޓިކެޓު ދޭން ނިންމި މެމްބަރުން ވާދަ ކުރައްވާނީ ޕީއެންސީގެ ނަމުގައި ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް، ރައީސް ޔާމިނަށް ޕީޕީއެމްގެ ރައީސްކަން ހަވާލު ކުރި ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ނިންމުމާ އެކު އެ ޕާޓީގެ ލީޑާޝިޕް ހޯދުމަށް ކުރައްވާ މަސައްކަތް ހުއްޓަވާލެއްވި ކަމުގެ އިޝާރާތެއް ދެއްވައި ކުރީގެ ރައީސް މައުމޫން ވަނީ މިއަދު މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުުގެ މަަސައްކަތް ފައްޓަވާފަ އެވެ.

ރައީސް މައުމޫން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ އިރު ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން ހަދައިގެން ހިންގިދާނެ ކަމަށެވެ.