ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަންނަ ހަފްތާ އޮޕަރޭޝަނެއް ފަށާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް "ސަން" އަށް ވިދާޅުވީ އެ އޮޕަރޭޝަން ފަށަނީ އައްޑޫ ސިޓީގައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންދިއުަމަށް މިހާރު ކަމާ ބެހޭ މުވައްސަސާތަކާ މަޝްވަރާކުރަމުންގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގައި އެ އޮޕަރޭޝަން ކުރިއަށްގެންދަން ނިންމީ އެ ސީޓީން ބިދޭސީން ގަވައިދާ ހިލާފަަށް އުޅޭތީ ޝަކުވާ ލިބެމުންދާތީ ކަމަށެވެ. އަދި އެ އޮޕަރޭޝަން އައްޑޫގައި ދޭތެރެ ދޭތެރެއިން ކުރިއަށްގެންދާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔަޔަސް ބޮޑަށް އިސްކަންދޭނީ އަދަބު ދިނުމަށް ނޫން ކަމަށެވެ. އެގޮތުން ބިދޭސީންނަށް އަމިއްލައަށް ހަވާލުވުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަވާލުނުވެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އޮޕަރޭޝަންގައި ހޯދާ ބައެއް ބިދޭސީންއަށް ދެވަނަ ފުރުސަތެއް ދިނުމަށް ނިންމާނީ އެ މީހުންގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ރާއްޖެއަށް ބިދޭސީންތައް ބައެއް ފަރާތްތަކުން ގެނައުމަށްފަހު ދޫކޮށްލައިގެން އުޅޭ ކަަމަށާއި އަދި އެފަދަ ހާލަތްތަކުގައި އެ ބިދޭސީންގެ ކުށެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީންވެސް ހިމެނެެއެވެ.