މި އަހަރުގެ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނަވާސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ޓީޗާސް ކޮންފަރެންސް 2011" މިއަދު އިފްތިތާހުކޮށްފި އެވެ.

ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކޮންފަރެންސް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލެވެ.

ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން ]ސިސީއީ[ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބާއްވާ މި ކޮންފަރެންސްގައި މާލޭގެ ނުވަ ސްކޫލަކާއި އަތޮޅުތަކުން އެއް ސްކޫލް ބައިވެރިވި ކަމަށެވެ.

އެ ކޮންފަރެންސްގެ މަގްސަދަކީ ރިސާޗް ބޭސްޓް، ކިޔަވައިދިނުމަށް ޓީޗަރުން އަހުލު ވެރި ކުރުމާއި ޓީޗާ ސްޕޯޓް މެކޭނިޒަމެއް ގާއިމް ކޮށްދިނުމާއި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސަށް ތައްޔަރުވުން ކަމުގައި ސީސީއީ އިން ބުންޏެވެ.

އަދި ދުނިޔޭގެ އެހެނިހެން ތަންތާގައި ޓީޗަރުންގެ ދުވަހު ބާއްވަމުން ގެންދާ އުގެނުމާއި އުގަންނައި ދިނުމަށް މަގުފަހިކޮށްދޭ އެކަޑަމިކް ހަރާކާތެއް ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގުމަކީ ވެސް މި ކޮންފަރެންސްގެ މަގްސަދެއް ކަމަށް ސީސީއީ އިން ބުންޏެވެ.

މިއަދު ހެދުނު އިފްތިތާހް ކުރި އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގައި ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ކަމަށް ސީސީއީ އިން ބުންޏެވެ.

މި ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ އާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު އާއި އެމިނސްޓްރީގެ އިސްވެރިންނާއި ގައުމީ ޔުނިވަސިޓީގެ އިސްވެރިންނާއި ރާއްޖޭގެ ބޮޑެތި ކޮލެޖްތަކާއި ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ސީސީއީ އިން ބުންޏެވެ.