31 Jan 2019, 17:47
ރާއްޖޭގެ ޒުވާނުން މަހަކު 1800 -3500 ރުފިޔާއާ ދެމެދުގެ އަދަދެއް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހޭދަކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދުންފަތުގެ ބާވަތްތަކުގައި ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭގޮތުން ހެދި ގަވާއިދު އިފްތިތާހްކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ގިނައިން މަރުވަނީ ގައިންގައިން ނާރާ ބަލިތަކުގައި ކަމަށެެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓް މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބައްޔާއި، ކިޑްނީއާއި ސްޓްރޯކާއި އަދި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެފަދަ ބަލިތަކަށް މައިގަނޑު ގޮތެއްގައި މަގުފަހިވަނީ ދުންފަތުގެ އިސްތިއުމާލްކުރުންކަމަށާއި އަދި އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ހަތަރު ބައްޔަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންގެ ނިސްބަތް 38 އިންސައްތައިގައި ހުރިއިރު ސްކޫލުކުދިންގެ މެދުގައި މި ނިސްބަތްހުރީ 11.2 އިންސައްތައިގައި. ސިނގިރެޓް ބޯމީހަކު އެވްރެޖްކޮށް މަހަކު 1800 ރުފިޔާއާ 3500 ރުފިޔާ މިކަަމަށް ހޭދަކުރޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ސިނގިރޭޓް ފޮށީގައި އިންޒާރުގެ މެސެޖުތައް ޖެހީ ވަރަށް ފަނޑުކޮށް ކަމަށާއި އަދި ފެނިގެންދިޔައީ ދުންފަތުގެ އިސްތިއުމާލްކުރާ މީހުން އިތުރުވެގެން ދިޔަތަން ކަމަށެވެ.
"ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010 ގައި ފާސްކޮށްފައި. އެ ގާނޫނުގެ ދަށުން ހަދަން ލާޒިމްކުރާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވައިދުވެސް އޮތީ 2012 ވަނަ އަހަރު އެކުލަވާލާ ނިމިފައި. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ގަވާއިދު އޮތީ ތަންފީޒްނުކޮށް ބާއްވާފަ. 2017 ވަނަ އަހަރުވެސް މިގަވާއިދަށް ބަައެެއް އިސްލާހުގެނެސް ގެޒެޓްކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ގާނޫނީ މަރުހަލާތައް ވެސް ފުރިހަމަކޮށް ތަންފީޒުކުރުމަށްޓަކައި އޭރުގެ ސަރުކާރަށް ހުށަހެޅި ނަމަވެސް މިގަވައިދު އޮތީ ގެޒެޓްނުކޮށް ބާއްވާފަ،" ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ ބާވަތްތަކުގައި ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭގޮތުން ހެދި އާ ގަވާއިދު މިއަދު ވަނީ ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގައި އެންމެ މަދުން ވިއްކޭނީ 20 ސިނގިރޭޓް ހިމެނޭ ޕެކެޓެއް ކަމަށް ވަނީ ކަނޑައަޅާއިފައެވެ. އަދި އެ ޕެކެޓްގައި މިނިސްޓްރީން ކަނޑައަޅާ އިންޒާރާއި ތަސްވީރު ޖަހަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.