ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.

ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު މިއަދު ހަވީރު ސޯލްކޭފޭ ގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނުގެ "ކޯ ގުރޫޕު" އަދި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާ ގައި މަސައްކަތް ކުރުމަށް މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، ރޭ "ކޯ ގުރޫޕް" ހުރިހާ ބޭފުޅުންވެސް ލަފާ ދެއްވީ އާ ސިޔާސީ ޕާޓީ އެއް ހެދުމަށް ކަމަށާއި އެ ހިޔާލު މިއަދު ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަމަށެވެ. އަދި އާ ސިޔާސީ ޕާޓީ އެއް ހެދުމަށް ނިންމެވީ އެ ދެ ފަރާތުގެ ހިޔާލުތައްވެސް އަޑު އެހުމަށް ފަހު ދެ ފަރާތުންވެސް އެގޮތަށް އެދޭތީ ކަމަށެވެ.

އާ ސިޔާސީ ޕާޓީ ގެ ނަމަކީ އެމްއާރުއެމް ކަމަށާއި ނަމަވެސް އޭގެ ދިގު ގޮތަކީ މޯލްޑިވްސް ރީފޯމް މޫވްމަންޓް ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ހައްދަވަން މަސައްކަތް ފެށީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަށް މިހާރު ގޮތެއް ނިންމާފައިވާތީ، އެޒާތުގެ އެފަދަ އެހެން މައްސަލަ އެއް ސުޕްރީމް ކޯޓުން ކުރިއަށް ނުގެންދަވާނެ ކަމަށް ގާނޫނީ ބޭފުޅުން އެމަނިކުފާނަށް ލަފާ ދެއްވުމުން ކަމަށެވެ. އަދި މިހާރު ހުކުމް އިއްވާފައި ނުވާ ޕީޕީއެމްގެ މިލްކުވެރިކަމާ ބޭހޭ މައްސަލަ ނީމޭނެ ވަކި ދުވަހެއްވެސް އެނގިވަޑައި ނުގަންނަވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގެ އެހެން ކަމެއް ވާނީ [ގާނޫނީ ބޭފުޅުން ލަފާ ދެއްވިގޮތަށް ކޯޓުން ނިންމަވާނެ ކަމަށް]، އެހެން ނަމަވެސް ވުން ގާތީ އެހެން. ސުޕްރީމް ކޯޓުން އިދާރީ ގޮތުން ގޮތުން ބައްލަވާ މައްސަލަ [ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ] ދެން ބައްލަވާނީ ކޮންދުވަހަކުން ކަމެއްވެސް ނޭނގެ. އަދި ވެދާނެ ދެމަސް، ތިންމަސް، ހަތަރު މަސް. އެހާ ދުވަސް ވަންދެން ތިބެންވީތޯ އަޅުގަނޑުމެން. އެހެންކަމުން އަޅުގަނޑު ނިންމީ މި މައްސަލަ މިގޮތަށް ނިމުނީ ކަމަށް ބަލައިގެންފަ އިތުރަ މަސައްކަތް ކުރަންވީ މަސައްކަތްތައް ކުރުމަށް،" ޕީޕީއެމްގެ އެންމެ ފުރަތަމަ ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށައިގެންފައިވާ ކަމަށާއި ލަސްތަކެއް ނުވެ ގާނޫނުގައި ބުނާ 3،000 މީހުންގެ މެމްބާޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ނިންމާފައެވެ. ނަމަވެސް އެޕާޓީގެ މިލްކުވެރިކަމާ ގުޅޭ މައްސަލައިގައި އަދި ހުކުމް ކޮށްފައި ނުވެއެވެ.