އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްޓާލައިފި އެވެ.

ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން ފާހަގަކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނާސިރެވެ. އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒިޔާން އަބްދުއް ރަހުމާނެވެ.

އެޗްޑީގެ މުވައްޒަފުންނާ އެކު އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑެޕިއުޓީ މިނިސްޓަރު---

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކަކީ ތިމާވެއްޓަށް ގެންލުން ދެނިވި އެއްޗެއް ކަމަށެވެ. ޖަޒީރާ ގައުމެއްގައި ޕްލާސްޓިކް ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑު ކަމަށާއި އެ ބޭނުންކުރުން ހުއްޓުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

"އަމާޒަކީ އަހަރެއް ތެރޭ ސަރުކާރުގެ ހުރިހާ ކުންފުނިތަކުންނާއި އޮފީސްތަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން. އަދި އެޗްޑީސީއިން ނެންގެވި ކަހަލަ އިނީޝިއޭޓިވް އެއް ނެގުން،"

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނާސިރު---

އެޗްޑީސީގެ ޕްލޭނިން އެންޑް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ ޕްލާސްޓިކަށް މީހުން ހޭލުންތެރިކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"މިފަދަ ކަންތައްތަކުގައި އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ދޭނަން،"

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރައީސް އޮފީހުން ވަނީ ހާއްސަ ކެމްޕެއިނެއް ފަށައިފަ އެވެ.

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ކެމްޕޭނަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ ގިނަ މުވައްސަސާތަކާއި މިނިސްޓްރީތަކުން ދަނީ ޕްލާސްޓިކް ފުޅި ބޭނުންކުުރުން ހުއްޓާލަމުންނެވެ.