ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ހާއްސަ، މުޅިން އާ ކޮންސެޕްޓަކާ އެކު ގްރޫޕް ފިޓްނަސް ކަސްރަތު ކުރާނެ ސްޓޫޑިއޯއެއްގެ އިތުރުން ޒަމާނީ ވަސީލަތްތަކާ އެކު ކަސްރަތު ކުރާނެ ޖިމްއެއް ރިވައިވް ފިޓްނަސް އިން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.

ރިވައިވް ފިޓްނަސް އަކީ މާލޭގައި ހަމައެކަނި އަންހެނުން ބޭނުން ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކަސްރަތު ކުރުމުގެ ކުލާސްތަކެއް ހިންގަމުން އަންނަ ސްޓޫޑިއޯއެކެވެ. ނަމަވެސް މިހާރު އެތަނަކީ ހަމައެކަނި ކަސްރަތުގެ ކުލާސްތައް ހިންގާ ތަނެއް ނޫނެވެ. އިތުރު ކަސްރަތުތައް ކުރުމަށް ޓަކައި ޒަމާނީ ވަސީލަތްތަކާ އެކު އެތަނުން ވަނީ އިތުރު ޖިމެއް ވެސް ހުޅުވައިފަ އެވެ.

ރިވައިވް ފިޓްނަސްގެ އަލަށް ހުޅުވި ޖިމް -- ސަން ފޮޓޯ / ހުސެން ޝަޔާހް

މިހާރު ވެސް ރާއްޖޭގައި ގްރޫޕް ފިޓްނަސް ޕުރޮގްރާމްތަކާއި ގިނަ އަދަދެއްގެ ޖިމްތަކެއް ދަނީ ހިންގަމުންނެވެ. ނަމަވެސް އަންހެނުންނަށް ހާއްސަކޮށްގެން އެ ދެ ހިދުމަތް އެއްފަހަރާ ދެވޭނެ ތަނެއް ރާއްޖެގައި މީގެ ކުރިން ހުޅުވިފައެއް ނެތެވެ.

ރިވައިވް ފިޓްނަސް އިން އަލަށް ހުޅުވި ޖިމާ އެކު ޖިމުގެ ޚިދުމަތްތައް ހޯދަން ބޭނުންވާ މީހުންނާއި ގުރޫޕް ފިޓްނަސް ޕުރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެއް ތަނަކުން އެ ދެ ފުރުސަތު ލިބިގެންދާނެ އެވެ.

ރިވައިވް ފިޓްނަސްގެ މާކެޓިން މެނޭޖަރު ޒައިނަބު މަންސޫރު (ޒައީ) "ސަން" އަށް ވިދާޅުވީ ރިވައިވް ފިޓްނަސް އަކީ މީގެ ކުރިން ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ތަނެއްކަމަށާއި އަލަށް ހުޅުވި ޖިމުގެ ސަބަބުން ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރިވައިވް ފިޓްނަސްގެ އަލަށް ހުޅުވި ޖިމް -- ސަން ފޮޓޯ / ހުސެން ޝަޔާހް

އަލަށް ހުޅުވި ޖިމުން ލިބޭނެ ފައިދާތައް

ރިވައިވް އިން އަލަށް ހުޅުވި ޖިމަކީ އެންމެ ފަހުގެ މެޝިންތަކުގެ އިތުރުން ފުރީ ވެއިޓްގެ ކަސްރަތުތައް ވެސް ކުރަން ބޭނުން ވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހި ކޮށްގެން ހުޅުވާފައިވާ ޖިމެކެވެ.

އެ ޖިމުގައި ބޭނުން ކުރާ ޒަމާނީ އާލަތްތަކުގެ އިތުރުން ނަމާދު ކުރާނެ ހާއްސަ ކޮޓަރިއަކާއި ކަސްރަތުކޮށް ނިމުމަށް ފަހު ފެންވަރާލެވޭނެ ގޮތް ވެސް އެ ތަނުން ލިބޭނެ ކަމަށް ރިވައިވް އިން ބުންޏެވެ. މީގެ އިތުރުން މި ޖިމަކީ ހިތްހަމަ ޖެހިލައިގެން އެއްފަހަރާ ގިނަ ބަޔަކު ބޭނުން ކުރި ނަމަވެސް ތަނުގެ ދަތިކަން ދިމާނުވާނެ ގޮތަކަށް ފަރުމާ ކޮށްފައިވާ ޖިމެކެވެ.

ރިވައިވް ފިޓްނަސްގެ އަލަށް ހުޅުވި ޖިމް -- ސަން ފޮޓޯ / ހުސެން ޝަޔާހް

ކަސްރަތު ސްޓޫޑިއޯގައި ކުރިއަށް ގެންދާ ހަރަކާތްތައް

ގުރޫޕް ފިޓްނަސް ކަސްރަތު ތަކަށް ހާއްސަ ސްޓޫޑިއޯއެއް ވެސް ރިވައިވްގައި ހުރެ އެވެ. އެ ތަނުގައި ބައިވެރިންނަށް އިންސްޓްރަކްޓްކޮށްދެން ތިބޭނީ ހަމައެކަނި އެކަމަށް ހާއްސަ ސާޓިފައިޑް އަންހެން ބޭފުޅުންނެވެ.

ގުރޫޕް ފިޓްނަސް އަކީ ގުރޫޕްތަކަށް ހާއްސަ ކޮށްގެން އެއްފަހަރާ ގިނަ ބަޔަކަށް ކަސްރަތު ކުރެވޭނެ ފަދަ ގޮތަކަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އެގޮތުން ބޫޓް ކޭމްޕް އާއި ބޮޑީ ޕަންޕް އަދި ޔޯގާގެ ފަދަ ގިނަ ހަރަކާތްތައް ދުވަހުގެ ވަކި ގަޑިއަކަށް ކަނޑައެޅިގެން ހިންގޭނެ ކަމަށް ރިވައިވް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިއުޒިކް އާއި ނުލާ ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ތަނަވަސް ވެގެން ދާނެ ކަމަށް ރިވައިވް އިން ވަނީ ބުނެފަ އެވެ. އަދި ޒުމްބާ ޖައްސަން ބޭނުންވާ ފަރާތްތަކަށް ތަފާތު ވައްތަރުގެ ޒުންބާ ވެސް ޖެއްސޭނެ ކަމަށާއި އެގޮތުން ޒުންބާ އެބްސް އާއި ސްޓްރޯންގް ޒުންބާ ހިމެނޭ ކަމަށް ރިވައިވް އިން ބުނެ އެވެ.

ރިވައިވް ފިޓްނަސް ގެ އަލަށް ހުޅުވި ޖިމް -- ސަން ފޮޓޯ / ޝަޔާހް

ތަނުގެ ސެކިއުރިޓީ

ރިވައިވް ފިޓްނަސް އަކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ހުޅުވިގެން ހިންގޭތަނަކަށްވާ އިރު އެތަނުގެ ސެކިއުރިޓީ ވަރުގަދަ ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން 2016 ވަނަ އަހަރު ރިވައިވް ހުޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސެކިއުރިޓީގެ އެއްވެސް ޝަކުވާއެއް ހުށައަޅާފައި ނުވާ ކަމަށް ރިވައިވް އިން ވަނީ ބުނެފަ އެވެ. އަދި އެތަނުގެ ސެކިއުރިޓީ އާ ދޭތެރޭ ތަނުގެ ބޭނުންހިފާ އެންމެން ވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށް ރިވައިވް އިން ބުނެ އެވެ.

"ކޮންމެ ބޭފުޅަކަށް ވެސް ހާއްސަ ކުރެވިފައިވާ ފިންގާ ޕުރިންޓެއް ބޭނުން ކޮށްގެން ނޫނީ ރިވައިވް އަކަށް ނުވަދެވޭނެ. މިތަނަށް ވަދެ ނުކުމެވޭނީ ހަމައެކަނި އަނހެން ބޭފުޅުންނަށް." ރިވައިވް ފިޓްނަސްގެ ޒައިނަބު މަންސޫރު (ޒައީ) ވިދާޅުވި އެވެ.

ރިވައިވް އިން ލިބޭ އިތުރު ހިދުމަތްތައް

ރިވައިވް އަކީ ކަސްރަތު ކުރުމުގެ އިތުރުން އިތުރު ގިނަ ހިދުމަތްތަކެއް ވެސް ލިބިގެންދާނެ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ލިބޭ ހުސް ވަގުތު ކޮޅުގައި ޖިމަށް އައިސް ކަސްރަތު ކޮށްލުމަށް ފަހު ފެން ވަރާ ނަލަ ވެގެން އަނބުރާ އޮފީހަށް ދެވޭނެ ހުރިހާ ނިޒާމެއް އެތަނުގައި ހުންނާ އެވެ.

މޭކްއަޕް ކުރާ ސާމާނާއި ކަސްރަތު ކުރުމަށް ލާ އަންނައުނުގެ އިތުރުން ސިއްހަތަށް ފައިދާ ހުރި ލުއި ބުުއިންތަށް ވެސް އެތަނުން ލިބިގެންދާނެ ކަމަށް ރިވައިވް އިން ވަނީ ބުނެފަ އެވެ.

ރިވައިވް ފިޓްނަސް އިން ހިންގާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި މެމްބާޝިޕް ހައްދަން ބޭނުންވާ ފަރާތްތަކުން އެބޭފުޅުންގެ ހޮޓްލައިންއަށް ( 7997277 ) ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް ރިވައިވް އިން ބުނެ އެވެ. މީގެ އިތުރުން ފުރަތަމަ ހަފްތާގައި ހުރިހާ އުމުރެއްގެ އަންހެން ބޭފުޅުންނަށް ވެސް ހިލޭ މިތަނުގެ ތަޖުރިބާ ކޮށްލެވޭނެ ކަމަށް ރިވައިވް އިން ބުނެ އެވެ.

ރިވައިވް ފިޓްނަސްގެ ޖިމް ހުޅުވާފައި ހުންނާނީ ގަލޮޅު ގުރަހައިގެ ފުރަތަމަ ފަންގިފިލާގަ އެވެ. އަދި ކަސްރަތު ސްޓޫޑިއޯ ހުންނާނީ އެ އިމާރާތުގެ ދެ ވަނަ ވަނަ ފަންގިފިލާގަ އެވެ. މީގެ އިތުރުން ރިވައިވް އާ ބެހޭ އެންމެ ފަހުގެ ހަބަރު ތަކުގެ މައުލޫމާތު އެ ބޭފުޅުންގެ ސޯޝަލް މީޑިއާ ޕޭޖް ތަކުން ލިބިގެންދާނެ ކަމަށް ރިވައިވް އިން ބުނެ އެވެ.