މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް 290 މައްސަލަ ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 131 މައްސަލައަކީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކަކީ މިދިޔަމަހު އެމިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ 45 ޕަސެންޓު ކަމަށެވެ.

އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލު ވުމުގެ މައްސަލަތައް ކަމަށާއި އިހުމާލުވުމުގެ 48 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ. މީގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 39 މައްސަލައާއި ޖިންސީ ހާނީއްކައިގެ 23 މައްސަލައިގެ އިތުރުން ނަފްސާނީ ހާނީއްކައާއި ވިޔަފާރީގެ ފައިދާއަށް ކުޑަކުދިން ބޭނުން ކުރުމުގެ ފަސް މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހެޅިފައެވެ.

މީގެތެރޭގައި ކުދިން ދޫކޮށްލައިފައި ދިޔުމުގެ ހަތަރު މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ އެއް މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ މައްސަލައެއް ވެސް މި މުއްދަތުގައި ޖެންޑާއަށް ވަނީ ހުށަހެޅިފައެވެ.

ޖެންޑާ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި ޖިސްމާނީ އަނިޔާގެ 18 މައްސަލައެއް އެ މުއްދަތުގައި ހުށަހަޅާފަައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.