31 Jan 2019, 13:45
އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދެއް އެކުލަވާލައި، ގެޒެޓްކޮށް އަމަލު ކުރަން ފަށައިފި އެވެ
އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިމަހު 15 ވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ. އެއާއެކު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ގަވައިދުތައް ހެދުމަށް އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންނާއި ޖަމިއްޔާތަކާއެކު މަސައްކަތު ބައްދަލުވުމެއް ބާއްވާ އާންމުންނަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރަސަތު ހުޅުވާލަފައެވެ.
އެގޮތުން އިއްޔެ އެ މިނިސްޓްރީން ވަނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" ގެ ނަމުގައި ގަވައިދެެއް ގެޒެޓް ކޮށްފައެވެ. އަދި އިއްޔެ އިން ފެށިގެން އެ ގަވައިދަށް އަމަލުކަރަން ފަށަން އެ ގަވައިދުގައި ވަނީ ބުނެފައެވެ.
މި ގަވައިދުގެ މައިގަނޑު މަގުސަދަކީ، މަސައްކަތްކުރާ މީހުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ އެންމެ ކުޑަ މިންވަރެއްގައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތަކާއި، ފިޔަވަޅުއަޅާނެ ފަރާތްތައް ކަނޑައަޅައި ބަޔާންކުރުން ކަމަށް ގަަވައިދުގައި ވަނީ ބުނެފައެވެ.
އެގޮތުން މި ގަވައިދުގައި ވަނީ ކޮންޓްރެކްޓަރު ނުވަތަ އިމާރާތް ކުރާ ފަރާތުގެ އާންމު ޒިންމާތައް ބަޔާންކޮށް ގަވާއިދާ ޚިލާފުވުމުން ޢަމަލުކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅު ބަޔާންކޮށްގައެވެ.
މި ގަވައިދުގައިވާ ގޮތުން، 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއެއްގައި ނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ އެފަރާތުގެ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙަތު ރައްކާތެރިކުރާނެ ސަލާމަތީ ކަންކަމާއި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ނުވަތަ އަތްމަތީ ފޮތެއް އެކުލަވައިލަން ވާނެ ކަމަށެވެ.
އަދި އެ ފޮތުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާކަން މަސައްކަތުގެ ކޮންޓްރެކްޓާ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް ގަވައިދުގައިވެއެވެ.
މި ގަވައިދުގެ އެއްވެސް މާއްދާއަކާ ހިލާފުވާ ފަރާތެއް އެކަމެއް ރަނގަޅުކުރުމަށް އިން ދުވަހުގެ މުއްދަތެއްދީ، އެކަމެއް ރަނގަޅު ނުކޮށްފި ނަމަ، އެކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދު ޖޫރިމާއެއް ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
އަދި ޖޫރިމާނާ ކުރުމަށްފަހު އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، ޖޫރިމަނާކޮށްފައިވާ އަދަދުގެ ތިނެއް ޕަސަންޓް ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ދާނެ ކަމަށް ގަވައިދުގައި ވެއެވެ.
ގަވައިދު ގެޒެޓްކުރުމާ އެކު އެއަށް އަމަލުކުރަން ފެށި ނަމަވެސް، ގަވައިދާ ހިލާފްވާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަށާނީ އަމަލުކުރަން ފަށާތާ 90 ދުވަސް ފަހުން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.