31 Jan 2019, 13:32
ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ވެރިކަމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މުސާރަ ނުދޭ ގޮތަށް ސަސްޕެންޑް ކުރި ކައުންސިލަރުންނަށް މުސާރަދޭން އެ އޮޮތޯރިޓީން ނިންމައިފި އެވެ.
އިއްޔެ އެލްޖީއޭއިން ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ 40 ކައުންސިލަރެއްގެ ސަސްޕެންޝަން ބާތިލު ކުރުމަށެވެ. އަދި 37 ކައުންސިލަރެއްގެ ސަސްޕެންޝަން އުވާލައި ނަސޭހަތް ދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އެއް ކައުންސިލަރެއްގެ ސަސްޕެންޝަން އެއްމަސް ދުވަހަށް ކުރުކުރުމަށް އެލްޖީއޭއިން ވަނީ ނިންމާފަ އެވެ.
"ބާތިލު ކުރެވުނު ސަސްޕެންޝަންތަކާއި ލުއިކުރެވުނު ސަސްޕެންޝަންތަކާއި ގުޅިގެން ކައުންސިލަރުންނަށް އިއާދަކުރަންޖެހޭ މުސާރައާއި އިނާޔަތުގެ ފައިސާ އިއާދަ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސާއި ގުޅިގެން މި އޮތޯރިޓީން ކުރަމުންދާ ކަމުގައި ދެންނެވިން." އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމަށް ފަހު އެލްޖީއޭއިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ އެކި ސަބަބުތައް ދެއްކުމަށް ފަހު އެވެ. އެގޮތުން އޭރުގެ ރައީސް ޔާމީނާއި ދެކޮޅަށް ބަޔާން ނެރުމާއި، އިންޑިއާ ސަފީރާއި ބައްދަލުކުރުމާއި އަދި އެހެންވެސް ސަބަބުތަކާއި ގުޅިގެން ކައުންސިލަރުން ސަސްޕެންޑް ކުރި އެވެ.