މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކާއި ރާއްޖޭގެ ތިމާވެށީގެ ހާލަތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ދަ އައިލެންޑް ޕްރެޒިޑެންޓް" އުފައްދަމުން ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

http://www.youtube.com/watch?v=wxJ9u70cf54
ކެނެޑާގެ ސީބީސީ ޓީވީގެ ޕްރޮގްރާމެއް ކަމަށްވާ ޖޯޖް ސްޓްރޮމްބުލް ޕޮލަސް ޓްނައިޓް ޕްރޮގްރާމްގެ ހޮސްޓް ޖޯޖް ސްޓްރޮމްބުލް ޕޮލަސް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކެމެރާތައް އެމަނިކުފާނަށް އަމާޒުވެފައި އަބަދުވެސް ހުންނަ ކަމަށާއި ނަމަވެސް ވީޑިއޯތަކާއި ފޮޓޯތައް ބޭނުންކޮށްގެން ފިލްމެއް ހަދައިފާނެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަހަރެން ފިލްމެއް ނުހަދަން، ފިލްމެއް ހަދާކަށް ނުނިންމަން، ފިލްމެއް ހަދާކަށް
ހަރަދެއް ވެސް ނުކުރަން. އަދި އަހަންނަކަށް ނޭނގޭ މިވަރުގެ ބޮޑު ފިލްމެއް އަންނަ ކަމެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ތެޔޮ ކުންފުނިތަކުން ކުރާ ފަދައިން މަޝްހޫރުކަން އިތުރުކުރުމަށް ހަރަދުކުރާނެ ފައިސާ ރާއްޖޭގައި ނެތްކަމަށާއި އެހެންވީމާ ދެއްވަން ބޭނުންފުޅުވާ މެސެޖް ދެއްވުމަށް އަމިއްލަ ފުޅަށް ކުރެއްވެން އޮންނަ ގޮތަކަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް ވެސް އެ ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުން، ފިލްމު ހެދީ އެހެންވެތޯ ޝޯ ހުށައަޅަމުން ދިޔަ ޖޯޖް ސުވާލުކޮށްފައިވެ އެވެ. ފިލްމު ހަދަމުން ދިޔަކަން އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވެފައި ވަނީ އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ފިލްމު ހެދި މީހުން ރައީސް އަރިހުގައި އެ ވާހަކަ ނުދަންނަވާތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވެފައި ވަނީ ސޮއިކުރަން ކަރުދާސް ކޮޅުކޮޅު އަބަދުވެސް ގެންނަ ކަމަށާއި ގެނައިމާ ސޮއިކުރައްވާ ކަމަށެވެ. ސޮއިކުރައްވަނީ ކިއުއްވުމަށް ފަހުތޯ ސުވާލުކުމުން ރައީސް ވިދާޅުވެފައި ވަނީ ބައެއް ފަހަރު ކިއުއްވާ ކަމަށެވެ.

ސީބީސީން ދައްކާފައިވާ އެ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފިލްމު އުފެއްދި ޖޯން އެމަނިކުފާނާ އެކީ ދަތުރުކުރި ކަމަށާއި އެހެން ނަމަވެސް އޭނާ ދަތުރުކުރީ ރާއްޖޭގެ ރަށްތަކުގެ ހާލަތު ބަލާލަން ކަމަށާއި އެހެންވީމާ އެއީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ނެގި ފޮޓޯތަކާއި ވީޑިއޯތައް އެއްކޮށްގެން ފިލްމެއް ހަދައިގެން ޓޮރޮންޓޯގައި ދައްކާނެ ކަމަށް ކުޑަކޮށް ވެސް ހީނުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު އެޝޯގައި ވިދާޅުވެފައިވެ އެވެ.

ފިލްމު ހަދަމުން ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު އެފިލްމަށް ހާއްސަކޮށްގެން އެތައް ވީޑިއޯތަކެއް ރާއްޖޭގައި ވަނީ ތައްޔާރުކޮށްފަ އެވެ. އަދި އެފިލްމު ހަދަމުން ދާކަން ރާއްޖޭގެ މީޑިއާ މެދުވެރިކޮށް ވަނީ ހާމަ ވެސް ކޮށްފަ އެވެ.