31 Jan 2019, 13:04
އައްޑޫ ސިޓީ އަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުނަށް ބިޒްނަސް ވިސާ ދޫކުރަން ފަށައިފި އެވެ. މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފުކޮށް ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ.
ވިސާގެ ހިދުމަތް ތައާރަފުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސޯދިގު ވިދާޅުވީ އައްޑޫ ސިޓީ އިން ބިޒްނަސް ވިސާ ދޫކުރަން ފެށުމަކީ އެ ސިޓީގެ ކުރިއެރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. މެރަތަން ފަދަ ހަރަކާތްތަކަށް ސީދާ އައްޑޫ ސިޓީ އަށްދާން ބޭނުންވާ މީހުންގެ އަދަދު މިއާ އެކު އިތުރުވާނެ ކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ހައްމަދު އަހުމަދު ހަސަން (ހަނަފީ) ވިދާޅުވީ މިއީ މާލެއިން ބޭރުގައި ބިޒްނަސް ވިސާ ދޫކުރަން ފެށި ފުރަތަމަ ފަހަރު ކަމަށެވެ. ކުރިއަށް އޮތްތަނުގައި ޒަމާނީ ޓެކްނޮލަޖީގެ ބޭނުންކޮށްގެން އޮންލައިންކޮށް ވިސާ އަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ހަނަފީ ވިދާޅުވި އެވެ. އިމިގްރޭޝަނުގެ ބައެއް ހިދުމަތްތައް ލާމަރުކަޒީކޮށް ދޭން ނިންމާފައިވާކަން ކޮންޓްރޯލަރު ފާހަގަކުރެއްވި އެވެ. ކޮންޓްރޯލަރު ހަނަފީ އިތުރަށް ވިދާޅުވީ މުސްތަގުބަލުގައި އައްޑޫ އިން އެމްޕްލޯއިމަންޓް ވިސާ ދޫކުރުމުގެ ހިދުމަތް ވެސް ފެށޭނެ ކަމަށެވެ.
ހަނަވީ ވިދާޅުވި ގޮތުގައި ބިޒްނަސް ވިސާ އަށް އެޕްލައި ކުރާތާ ދެ ދުވަހުގެ ތެރޭގައި އޭގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ހަނަފީ ވިދާޅުވި އެވެ. ކޮންޓްރޯލަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބިޒްނަސް ވިސާގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.