ކުއަލަލަމްޕޫރު (ޖެނުއަރީ 31): މެލޭޝިއާގެ ޕަހަންގް ސްޓޭޓުގެ ސުލްތާން، އަބްދުﷲ ސުލްތާން އަހުމަދު ޝާހު އެގައުމުގެ ރަސްކަމަށް މިއަދު އިސްކޮށްފި އެވެ.

ސުލްތާން އަބްދުﷲ ރަސްކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު މަހާތީރު މުހައްމަދާއި ނައިބު ވަން އަޒީޒާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ސުލްތާން އަބްދުﷲ ގައުމުގެ ރަސްކަމަށް އިސްކުރީ ކުރީގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެއް ކުއްލި ގޮތަކަށް މިމަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއީ މެލޭޝިއާގެ ރަސްކަލަކު ފަސް އަހަރުގެ ދައުރު ހަމަ ނުވަނީސް އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.

ރަސްގެފާނު މުހައްމަދު އިސްތިއުފާ ދެއްވި ސަބަބެއް ޝާހީ ގަނޑުވަރުން ހާމަ ނުކުރެއެވެ. ނަމަވެސް ރަސްގެފާނު އިސްތިއުފާ ދެއްވީ ރަޝިއާގެ ކުރީގެ ރީތީގެ ރާނީއަކާ ކައިވެނި ބެއްލެވި ކަމަށް ހަބަރު ފެތުރު ފަހުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރަސްގެފާނު ވަނީ 25 އަހަރުގެ އޮކްސާނާ ވޯވޮޑިނާއާ ކައިވެނި ބައްލަވައިގެންފައެވެ.

މެލޭޝިއާގެ 13 ސްޓޭޓު ތެރެއިން ނުވަ ސްޓޭޓުގައި ޝާހީ އާއިލާ އޮވެ އެވެ. އަދި އެގައުމުގެ ރަސްކަން އޮންނަނީ އެސްޓޭޓުތަކުގެ މެދުގައި ދައުރުވާ ގޮތަށެވެ.