ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 3016.02 ޑޮލަރު (46507.03 ރުފިޔާ) ދޭން ނިންމައިފި އެވެ.

ސާވިސްޗާޖުގެ މައުލޫމާތު އާންމުކުރުމަށް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެކުވެގެން ހިންގާ މޯލްޑިވްސް ސާވިސްޗާޖު ވެބްސައިޓުގައިވާ ގޮތުން މި މަހު އެންމެ ބޮޑު އަދަދެއްގެ ސާވިސް ޗާޖު ދެނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ.

ވެލާ އަށް ފަހު ދެން އެންމެ ބޮޑު ސާވިސްޖާޗެއް ދޭން ނިންމާފައި ވަނީ ޝެެވަލް ބްލޮންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް 2,577.00 ޑޮލަރު (39737.34ރުފިޔާ) ދޭން ނިންމާފައިވާ އިރު ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދޭން ނިންމާފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 2,546.00 ޑޮލަރު (39259.32) ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ސާވިސް ޗާޖު ވެބްސައިޓުގައިވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެސް ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ އަހަރު ޖެނުއަރީ މަހު ސާވިސްޗާޖުގެ ގޮތުގައި ދީފައި ވަނީ 2,940.19 ޑޮލަރު (45337.73) ރުފިޔާ އެވެ.