ކުޅުންތެރިންގެ މުސާރަ ނުދިނުމުގެ ސަބަބުން ސަސްޕެންޑު ކޮށްފައިވާ ނިއުރޭޑިއަންޓް ގެ ޔޫތު ޓީމުގެ ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި ޓީމެއް ހަދާ ޔޫތު މުބާރާތުގައި ބައިވެރި ވެއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ އެއްވެސް ހަރަކާތެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ބައިވެރި ނުވެވޭ ގޮތަށް ނިންމުމާއި ގުޅިގެން އެ ޓީމުގެ ޔޫތު ކުޅުންތެރިން ބައިވެރި ކުރުމައްޓަކައި ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި އެ ޓީމުގެ ކުޅުންތެރިން ލައިގެން ޓީމު އުފައްދާ ޔޫތު މުބާރާތުގައި ބައިވެރި ވުމުގެ ހުއްދަ އެފްއޭއެމްއިން ދީފިއެވެ.

ނިއުރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ / ނިއުރޭޑިއަންޓް

ޔޫތު މުބާރާތަށް ނިއު އިން އައީ ބޮޑެތި ތައްޔާރީ ތަކެއް ވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުން އަތްފުނާ އަޅައިގެން ރަނގަޅު ކުޅުންތެރިން ހޯދާ އޭ ލައިސަންސް ގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މީގެ މަހެއް ހާ ދުވަސް ކުރިން ފަރިތަކުރުންތައް ވަނީ ފަށާފައެވެ.

ނަމަވެސް މުބާރާތުގެ ގުރުލާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް މުސާރަ ނުދިނުމުގެ މައްސަލަ ތަކެއް ފެންމަތިކޮށް ނިއު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެފްއޭއެމް އިން ނިންމުމާއި ގުޅިގެން ޔޫތު މުބާރާތުން ވެސް އެކުލަބަށް ޖާގަ ގެއްލުނެވެ.

ނަމަވެސް ނިއުގެ ޒުވާން ކުޅުންތެރިން ބާކީ ނުކޮށް ބައިވެރި ކުރުމައްޓަކައި ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި އެ ކުޅުންތެރިން ލައިގެން ޓީމެއް އުފެއްދުމުގެ ހުއްދަ އެފްއޭއެމްއިން ވަނީ ދީފައެވެ. އެ ޓީމާއި އެކު ޔޫތު މުބާރާތުގައި މިފަހަރު ބައިވެރި ވާނީ ނުވަ ޓީމެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ ހަތަރެއްގައެވެ. ޔުނައިޓެޑް ވިކްޓަރީ ކުޅޭނީ ގުރޫޕް ބީ އަށެވެ. އެ ގުރޫޕުގައި ދެން ހިމެނޭ ޓީމު ތަކަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ގްރީން ސްޓްރީޓް، މާޒިޔާ އަދި އީގަލްސްގެ އިތުރުން އޭދަފުށި އެވެ.