31 Jan 2019, 11:52
ކަރާކަސް (ޖެނުއަަރީ 31): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރު ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަސްކަރިއްޔާއާ ބައްދަލުކޮށްފި ކަމަށް އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް ޓައިމްސްގައި ޕަބްލިޝް ކުރި ލިޔުމެއްގައި ގުއައިޑޯ ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ވަނީ ގައުމުގެ އަސްކަރިއްޔާ އާއި ސަލާމަތީ ފައުޖުތަކާ ސިއްރު ބައްދަލުވުންތަކެއް ބާއްވާފަ އެވެ.
"ސަރުކާރު ބަދަލު ކުރަން އަސްކަރިއްޔާގެ އެހީ ބޭނުންވާނެ. އަޅުގަނޑުމެން ވަނީ އަސްކަރިއްޔާ އާއި ސަލާމަތީ ފައުޖުތަކާ ސިއްރު ބައްދަލުވުންތައް ބާއްވާފަ. ސަރުކާރު ބަދަލު ކުރުމަށްޓަކައި، އަސްކަރިއްޔާއިން މަޑޫރޯއަށް ކުރާ ތާއީދު އަނބުރާ ގެންދަން ޖެހޭ،" ގުއައިޑޯ ވިދާޅުވި އެވެ.
ގުއައިޑޯ ވަނީ މަޑޫރޯ ދެވަނަ ދައުރަކަށް ވަޑައިގެންނެވީ ވޯޓު އޮޅުވާލައިގެން ކަމަށާއި އޭނާއަކީ ގައުމުގެ ގާނޫނީ ވެރިޔާ ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ގައުމުގެ ޕާލިމެންޓުގެ ރައީސުގެ ހައިސިއްޔަތުން ގުއައިޑޯއަށް ރައީސް ކަމަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވެ، ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފަ އެވެ.
އެމެރިކާ އާއި އިތުރު 20 ގައުމަކުން ވަނީ ގުއައިޑޯއަށް ތާއިދުކޮށްފަ އެވެ. ނަމަވެސް ރަޝިއާ، ޗައިނާ އަދި ތުރުކީން ވަނީ މަޑޫރޯގެ ދިފާއުގައި ތެދުވެފަ އެވެ.
މިމަހުގެ 10 ވަނަ ދުވަހު މަޑޫރޯ ވެރިކަމުގެ ދެވަނަ ދައުރު ފެއްޓެވި ފަހުން ވެނެޒުއޭލާގެ ގިނަ އަދަދެއްގެ މީހުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެމުޒާހަރާތަކުގައި މިހާތަނަށް 40 މީހުން މަރުވެ އެތައް ސަތޭކަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ.އިން ބުންޏެވެ.