08 Oct 2011, 13:46
ކަނާތު ފައިގެ ކަށިގަނޑަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ގާތްގަނޑަކަށް ތިން މަސް ދުވަހު ފައިގައި ޕްލާސްޓަރު އަޅައިގެން އުޅެންޖެހުނު ހުނަރުވެރި މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ އެއްވެސް އުންމީދެއް އޮތްތޯ ބެލުމަށް ތިން ހަފްތާ ފަހުން އެކްސްރޭ ނަގާނެ ކަމަށް ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު )ބަލްކް( ވިދާޅުވެއްޖެ އެވެ.
2008 ވަނަ އަހަރު ލަންކާ އާއި ރާއްޖޭގައި ބޭއްވި ސާފު ޗެމްޕިއަންޝިޕްގައި އިންޑިއާ ކޮޅަށް ލަނޑުޖައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްބޯޅަ ތަރި، ހުނަރުވެރި ޓޫކިލޯ އަށް އަނިޔާވީ، ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި ހުސް މަހުގެ 20 ވަނަ ދުވަހު ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގަ އެވެ.
މެނޭޖަރު ބަލަކް ވިދާޅުވީ، ޓޫކިލޯއަކީ މިފަހަރުގެ މުބާރާތަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާއަށް މުބާރާތުގައި ނުކުޅެވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.
"އަނިޔާގައި ތިބި ކުޅުންތެރިންގެ ހާލު ވަރަށް ގާތުން ބަލަމުން މިދަނީ. ޓޫކިލޯގެ ހާލު ވެސް ބަލަމުން މިދަނީ. ޓޫކިލޯގެ ޕްލާސްޓަރު ނެގުމަށްފަހު އެކްސްރޭ ނަގަނީވެސް އޭނާއަށް ކުޅެވޭތޯ ބެލުމަށް. އޭނާއަށް ޗާންސެއް ދެވޭތޯ" ބަލަކް ވިދާޅުވިއެވެ.
ޓޫކިލޯގެ އިތުރުން ޓީމުގައި އަނިޔާގެ މައްސަލަތައް މިވަގުތު އުޅޭ ކަމަށް ބުނެ، ބަލަކް ވިދާޅުވީ އެއްނަންބަރު ގޯލްކީޕަރު އިމްރާނަށް މިވަގުތު ލިބިފައިވާ އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ ބަލަމުން އަންނަ ކަމަށެވެ.
"އިމްރާންގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކީ ސީރިޔަސް އަނިޔާއެއްތޯ ބަލާނަން. އިމްރާނަކީ ވެސް ޓީމަށް މުހިންމު ކުޅުންތެރިއެއް" ބަލަކް ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތް ފެށެން ކުޑަދުވަސް ކޮޅަކަށް ވެފައި ވާއިރު، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް އަދި ވަނީ ފެށޭގޮތް ނުވެފައެވެ.
ޝީޝެލްސްގައި ބޭއްވުނު އަށްވަނަ އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން، މިދިޔަ މިމަހު15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްކޯ އިން ގައުމީ ޓިމުގެ އާޖެންޓީނާގެ ޑިއޭގޯ ކުރުސިއާނީ ކޯޗު ކަމުގެ މަޤާމުން ވަކިކުރުމަށްފަހު، އަލުން ޓީމުގެ ކޯޗު ކަމަށް އައްޔަނު ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދުދިން ހަންގޭރީގެ އިސްޓަވާން އުރުބާނީ އެވެ.
ކޯޗުކަން އުރުބާނީއަށް ދެ ވަނަ ފަހަރަށް ދިން ނަމަވެސް އަދި އޭނާހުރި ރަށުން ބޭރުގައެވެ. އެހެންނަމަވެސް މިމަހުގެ 12 ނުވަތަ 13 ވަނަ ދުވަހު އުރުބާނީ މާލެ އައިސް ޓީމާ ގުޅޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.
ބަލަކް ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަ ޖެހިފައި ވަނީ ކޯޗް މާލެ އައުމުން ކަމަށެވެ. އަދި މިފަހަރުގެ މުބާރާތައް ނަގާ ޓީމްގެ ސްކޮޑަކީ ނިމިގެންދިޔަ އިންޑިއަން އައިލެންޑް ގޭމްސްއަށް ނެގި ސްކޮޑް ނޫންކަމަށް ވެސް ބަލަކް ވިދާޅުވި އެވެ.
މިފަހަރުގެ ސާފް ފުޓްބޯޅަ މުބާރާތް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ނިންމާފައިވާއިރު، މިއީ މިމުބާރާތް އެޤައުމުގަ ބާއްވާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ ބަންގްލަދޭޝް ގައެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.