31 Jan 2019, 11:50
މި އަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތުލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް އެދި ހުށަހެޅުމުގެ ފޯމު، މާޗު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށާއި އެ މުއްދަތުގައި ފޯމު ބަލައިގަންނަމުން ވެސް ދާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރަކަށް ވެވޭނީ ބޭންކިންގް، މާލީ ޚިދުމަތް، އިންވެސްޓްމެންޓް ވިޔަފާރި އަދި މާކެޓު ރިސްކާ ބެހޭ މައުލޫމާތު ލިބިފައި ހުރި، އަޚްލާގު ރަނގަޅު އަދި އާންމު ހިއްސާދާރުންގެ މަސްލަހަތު ތަމްސީލުކޮށްދޭނެ، އަދި ސާބިތު ދަރަންޏެއް ނެތް، 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށެވެ. އަދި ޚާއްސަކޮށް އަންހެން ބޭފުޅުން ބޯޑަށް ކުރިމަތިލެއްވުމަށް ބީއެމްއެލް އިން ބާރުއަޅާފައިވެއެވެ.
ބީއެމްއެލްގެ ބޯޑުގައި 11 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ސަރުކާރުން އައްޔަންކުރާ އަށް ޑިރެކްޓަރަކާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނެވެ.
އެހެން ނަމަވެސް މިވަގުތު ސަރުކާރުގެ ފަރާތުން އައްޔަނުކޮށްފައިވާ މެމްބަރުންގެ އަދަދަކީ ހަތެކެވެ. ސަބަބަކީ ބޭންކުގެ ސީއީއޯކަމުގައި ހުންނެވި އަޔަލެންޑުގެ ތަޖުރިބާކާރު ބޭންކަރ އެންޑްރޫ ހީލީ، ބީއެމްއެލްއިން ވަކިވެވަޑައިގެންފައިވާތީއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުން
(ސަރުކާރުގެ ފަރާތުން އައްޔަން ކުރެއްވި ބޭފުޅުން)
ސައީދާ އުމަރު (ޗެއާޕާސަން)
- މުހައްމަދު ޝަރީފް (ޑެޕިއުޓީ ސީއީއޯ)
- މުހައްމަދު ލުވޭޒް
- އަބްދުލްހާރިސް
- އާއިޝަތު އަރުޝާ
- ރާބިހު މުހައްމަދު
- އާއިޝަތު ސަފުނާ
(އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ބޭފުޅުން)
މުހައްމަދު އަބްދުލްސައްތާރު
- އިބްރާހިމް މުހައްމަދު
- އިބްތިޝާމާ އަހްމަދު ސައީދު
ބީއެމްއެލްގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަނު ކުރާނީ މި އަހަރު އެ ބޭންކުން ބާއްވާ، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާ ބާއްވާނެ ތާރީޚެއް ބީއެމްއެލުން އަދި ހާމައެއް ނުކުރެއެވެ.
ބީއެމްއެލްއިން މިއަދު ވަނީ އެކުންފުނީގެ 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގައުމީ ބޭންކް،ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި ލިބުނީ 277 މިލިޔަން ރުފިޔާއެވެ.