ރޭ ޕުރިމިއާ ލީގުގައި ލިވަޕޫލް އަދި ލެއިސްޓާ ސިޓީ ބައްދަލު ކުރި މެޗު އެއްވަރު ވުމާ ގުޅިގެން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލް އިން ގެއްލުވާލައިފިއެވެ.

ލިވަޕޫލްއާއި ދެން އެންމެ ގާތުން ވާދަކުރަމުންދާ މެންޗެސްޓާ ސިޓީ އެންމެ ފަހުން ނިއުކާސަލް ޔުނައިޓެޑް އާއި ވާދަކޮށް ބަލިވުމާއި ގުޅިގެން އެއް ވަނައިގައ ހަތް ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ލިވަޕޫލްއަށް ލިބުނެވެ. ނަމަވެސް ރޭގެ މެޗުން އެއް ވަރު ވުމާއި އެކު މިހާރު އެ ދެ ޓީމުގެ ދެމެދުގައި ވަނީ ފަސް ޕޮއިންޓުގެ ކުޑަ ފަރަގެކެވެ.

ލިވަޕޫލްގެ ކޯޗް ޔާގަން ކުލޮޕް ރޭގެ މެޗަށް ފަހު -- ޕެޓްރިކް ރިޖް

މެޗުގެ ވަރަށް ކުރީ ކޮޅު ލިވަޕޫލްގެ ފޯވާޑް ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނެގި ނަމަވެސް ރޭގެ މެޗުގައި ޖުމްލަ ގޮތެއްގައި އޭ ޓީމުގެ ކުޅުން ދަށް ކަމަށް ޓީމުގެ ކޯޗު ޔާގަން ކުލޮޕް ވަނީ ބުނެފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެއިސްޓާއިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ފަހު އެ ޓީމުގެ ކޯޗް ޔާގަން ކުލޮޕް ބުނީ ކުޅުންތެރިންނަކީ ވެސް އިންސާނުން ކަމަށް ވާއިރު އަބަދު މޮޅެއް ނުވެވޭނެ ކަމަށެވެ. ނަތީޖާއާއި ދޭތެރޭ ހިތްހަމަ ނުޖެހުނަސް ޕޮއެންޓެއ ލިބުނީތީ އުފާ ކުރާ ކަމަށެވެ.

"މި ނަތީޖާ އަކީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން. އެކަމަކު މި ނަތީޖާ އާއި އެކުވެސް އެއް ވަނައިގައި ލީޑު ފުޅާ ކުރެވުނީތީވެ އުފާކުރަން." ލިވަޕޫލްގެ ކޯޗް ޔާގަން ކުލޮޕް ބުންޏެވެ.

ރޭ ޕުރިމިއާލީގުގައި ފޯރިގަދަ އިތުރު މެޗު ތަކެއްވެސް ކުޅެވިގެން ގޮސްފައިވެއެވެ. އެގޮތުން ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު 10 ވަނައިގައި އޮތް ބޯން މައުތުން ވަނީ ގަދަ ފަދަ ޗެލްސީ ލަދުވެތި ގޮތަކަށް ބަލިކޮށްފައެވެ.

ޗެލްސީޢާއި ބޯންމައުތް ބައްދަކު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޑޮމް ފެރަލް

އެ މެޗުގައި ބޯންމައުތު ޗެލްސީގެ މައްޗަށް ފަސޭހަ ކަމާއި އެކު ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗުން ބަލި ވުމާއި ގުޅިގެން ޗެލްސީ ވަނީ ލީގުގެ ފަސް ވަނައަށް ވެއްޓިފައެވެ.

ބޯންމައުތުން މެޗުގައި ޖެހި ހަތަރު ގޯލު ވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ޖޯޝުއާ ކިންގުގެ ދެ ގޯލާއި ޑޭވިޑް ބުރޫކްސް ގެ އިތުރުން ޗާލީ ޑެނިއެލްސް ގެ ލަނޑެއް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ފަހަތުން އަރާ ވެޓްފޯޑުގެ މައްޗަށް ޓޮޓެންހަމް އިން ވަނީ ކުރި ހޯދާފައެވެ. 1-2 ގެ ނަތީޖާ އަކުން ޓޮޓެންހަމް މެޗު ކާމިޔާބު ކުރި އިރު އެ ޓީމަށް ގޯލުތައް ޖަހައިދިނީ ސަން ހެންގް މިން އާއި ފެނާންޑޯ ލޮރެންޓް އެވެ. އަދި ވެޓްފޯޑުން ޖެހި ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ކުރެއިގް ކެތް ކާޓް އެވެ.