31 Jan 2019, 10:55
މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ރެހެންދި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި މުވައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ ހާއްސަ ކޮމެޓީ އަކުންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޖެންޑާ މިނިސްޓްރީ އިން ދޭ ހާއްސަ ޝީލްޑަކާއި ގައުމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބްރޫޗެކެވެ.
މިފަހަރުގެ ރެހެންދި އެވޯޑު ދެ ދާއިރާ އަކުން ދޭން ނިންމާފައިވެއެވެ. އެއީ އަންމު ފަރުދުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ކެޓަގަރީ އާއި މުވައްސަސާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާ ފަރާތްތަކުގެ ކެޓަގަރީ އެވެ. ޖުމްލަ ހަތް ދާއިރާ އަކުން މިއަހަރު ރެހެންދި އެވޯޑް ދޭނެއެވެ.